ވޫހާންގައި ތިބި ދިވެހިންނަށް މާލީ އެހީ ފޯރުކޮށްދެނީ

ވޫހާންގެ ހޮސްޕިޓަލެއްގެ މުވައްޒަފުންތަކެއް -- ފޮޓޯ/ ރޮއިޓާސް

ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ ޗައިނާގެ ސިޓީ ކަމަށްވާ ވޫހާންގައި ތިބި ހަތް ދިވެހީންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ވޫހާންގަ ތިބި ދިވެހިންގެ ހާލު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ގާތުން ބަލަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ވޫހާންގައި ތިބި ހަތް ދިވެހީންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓްރީން ވަނީ މިރޭ ބުނެފައެވެ. މިހާރު މަސައްކަތް ކުރަމުންދަނީ އެ ހަތް މީހުން ވޫހާން ސިޓީއިން ބޭރަށް ގެންދިޔުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިން ދީފައި ކަމަށެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ޗައިނާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންއިން ފުރަތަމަ ފެނުނު އެ ވައިރަސް މިހާތަނަށް 1،300 މީހެއްގެ ހަށިގަނޑުން ފެނިފައިވާ ކަމަށް މިއަދު އެގައުމުން ބުންޏެވެ. އަދި އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 41އަށް އަރާފައިވާ ކަމަށް ވެސް އެގައުމުން ބުންޏެވެ.

އެ ވައިރަސް ވަނީ ޗައިނާގެ 30 ޕްރޮވިންސަކަށް ފެތުރިފަ އެވެ. އަދި އެގައުމުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވޫހާން އާއި އިތުރު 13 ސިޓީއެއް ކަރަންޓީނުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް