"ހުވާ 2"ގެ ޓީޒާ ދައްކާލައިފި، ކެތްމަދުވެއްޖެ ދޯ؟

ހުވާ އިން ފެނިގެންދާ ދެތަރިން ކަމަށްވާ އައިމިނަތު ރިޝްފާ އާއި މުހައްމަދު ފައިސަލް--- ފޮޓޯ/ ނަހޫ

ދިވެހި ފިލްމީ ދުނިޔެއަށް މުޅިން އަލަށް ތައާރަފްކުރި ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ދެވަނަ ސީޒަންގެ ޓީޒާ ޓްރެއިލާ މިހާރު މިވަނީ ދައްކާލާފައެވެ.

އެ ޓީޒާ ގިނަ ބަޔަކު ބެލިއިރު އެންމެން ވެސް އިންތިޒާރުކުރަނީ ހުވާ ދައްކަން ފަށާނެ ދުވަހަކަށެވެ. ގިނަ ބަޔަކު ބުނީ ޓީޒާ ބެލުމުން އިތުރަށް މި ސީރީޒް ބެލުމަށް ކެތްމަދުވެއްޖެ ކަމަށެވެ. އަދި މި ޓީޒާ ވަރަށް ކަމުދާކަމަށްވެސް ގިނަ ބަޔަކު ބުންޏެވެ.

ޓީޒާ ފެށިގެންދިޔައި ފައިސަލްގެ އަޑުންނެވެ. "އެންމެންނަށް ވެސް ހީވާނެ އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ހާސްކަމެއްް ފިލައިގެން ގޮސް އަލުން އުފާވެރި ދުވަސްތައް ފެށުނީ އޭ. އެކަމަކު ކަންވީ އެހެނެއް ނޫން. އަހަރެމެންގެ ދިރިއުޅުމުގައި ހަނގުރާމަތައް އަދި މި ފެށުނީ،"

ފައިސަލްގެ އެ ބަސްތަކުން ވެސް އިތުރަށް ހުވާ ބަލާ ހިތްވެއްޖެ ދޯއެވެ. ކަންތައް ވެގެންދާނީ ކިހިނެއްބާއެވެ؟ ފައިސަލް އެބުނާ ހަނގުރާމަތަކަކީ ކޮބާބާވައެވެ؟ ހިތުގައި އުފެދިފައި ހުރި ހުރިހާ ސުވާލުތަކުގެ ޖަވާބު މި ސީރީޒް ފެށުމުން އެނގިގެންދާނެއެވެ.

މި މަހު 30 ވަނަ ދުވަހު ސީޒަން ދޭއްގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށް ހަމަޖެހުނުއިރު ހުވާ ސީޒަން ދޭކުން ނުފެންނަ ތިން ތަރިންނެއް ސީޒަން ދޭއްގެ ޓީޒާ އިން ފެނިގެން ގޮއްސިއެވެ. އެއީ ބަތަލާ އައްޒަގެ މަންމަ އައިންތު، އަބްދުﷲ މުއާޒް (މުއާ) އަދި އަހްމަދު އަޒްމީލެވެ.

"ހުވާ" އަކީ އެންމެންގެ ލޯބި ހޯދަމުން އަންނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވާހަކައަކަށް އޭނާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ.

"ހުވާ 2" ބެލުމަށް އަދި ކުޑައިންތިޒާރެއް ކޮށްލާށެވެ. ހަމަގައިމުވެސް އިންތިޒާރުގެ ނިމުން ފޮނިވާނެއެވެ. ހުވާ ސީޒަން ދޭއް ދައްކަން ފަށަން ދެން އޮތީ އެންމެ ނުވަ ދުވަހެވެ.

comment ކޮމެންޓް