އެރަން ކާޓާ އަނެއްކާވެސް މީހެއްގެ ކުރެހުން ވަގަށް ނަގައިފި

އެރަން ކާޓާ---

ދިވެހި އާޓިސްޓެއްގެ އާޓްވޯކެއް ވަގަށް ނެގުމާ ގުޅިގެން ދިވެހީންގެ ތެރޭގައި އޭނާގެ މައްސަލަ ހޫނުވި، އެމެރިކާގެ ލަވަކިޔުންތެރިޔާ އެރަން ކާޓާ އިތުރު އާޓިސްޓެއްގެ އާޓްވޯކެއް ވަގަށް ނަގައި ބޭނުންކުރަމުންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ރާއްޖޭގެ އާޓިސްޓެއް ކަމަށްވާ އަލީ ޝިމްހާގުގެ އާޓްވޯކް އެއް، އެރަން ކާޓާ ވަގަށް ނެގި މައްސަލައެއް ވަނީ ހޫނުވެފަ އެވެ.

އެފަދަ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އަނެއްކާވެސް އާޓިސްޓެއްގެ އާޓްވޯކެއް ވެރިފަރާތުގެ ހުއްދައާ ނުލައި އޭނާ ގެންގުޅޭ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ހޫނުވެފަ އެވެ. މިފަހަރު ވަގަށް ނަގާފައިވަނީ ޖަރުމަނުގެ ޒުވާން އާޓިސްޓެއް ކަމަށްވާ ޔޯނަސް ޔޯޑިކޭގެ އާޓްވޯކެކެވެ.

ޝިމްހާގު ކުރަހާފައިވާ ސިންގާގެ އާޓްވޯކް ފަދައިން މިފަހަރު ވަގަށް ނަގާފައިވަނީވެސް ސިންގާގެ އާޓްވޯކެކެވެ.

އުމުރުން 25 އަހަރުގެ ޔޯނަސްގެ އާޓްވޯކް އޭނާގެ ހުއްދައާ ނުލައި ބޭނުންކުރާ ވާހަކަ އެރަން ކާޓާ ގާތުގައި ބުނުމުން އޭނާ އެއަށް ރައްދު ދިނީ ޝިމްހާގަށްވެސް ރައްދު ދިން ފަދަ ގޮތަކަށެވެ.

އޭނާ ބުނީ އެ އާޓްވޯކަކީ އޭނާއަށް ރަށްޓެއްސެއް އިންޓަނެޓުން ނެގުމަށްފަހު ފޮނުވި އެއްޗެއް ކަމަށެވެ. އަދި އިންޓަނެޓުގައި ހުރި ނަމަ އެއީ ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭނެ އެއްޗެއް ކަމަށް އޭނާ ބުންޏެވެ.

މިހާރު ޔޯނަސް މަސައްކަތްކުރަނީ އެރަންގެ ނަމުގައި ކޮންމެވެސް ކަހަލަ ފައިދާއެއް ހޯދުމަށް ކަމަށް އެރަން ކާޓާ ބުންޏެވެ. އެ މައްސަލައާ ގުޅިގެން ޔޯނަސް ބުނެފައިވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އާޓްވޯކްގެ ހައްގުވެރިންގެ މަސައްކަތްތަކަށް އަޅައި ނުލާ އެފަދަ ގޮތްތަކަށް މީހުން އަމަލު ކުރުމާ ގުޅިގެން މުޅި އާޓް ކޮމިއުނިޓީ ވަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އާޓްވޯކް އަކީ ގިނަ ވަގުތު ހޭދަކޮށް ބުރަ މަސައްކަތުން ކުރާ ކަންތައްތައް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އަދި އެކަމަށް އެދެވޭ އުޖޫރަ ލިބެން ޖެހޭނެ ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް