ދެ ސިފައިން ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ ހުށަހެއްނާޅާ: އެމްއެންޑީއެފް

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ ދެ މީހަކު 15 އަހަރުގެ އަންހެން ކުއްޖަކުު ރޭޕްކުރި މައްސަލައެއް އެމްއެންޑީއެފަށް ހުށަހަޅާފައި ނުވާ ކަމަށް އެ މުވައްސަސާއިން ބުނެފި އެވެ.

ދެކުނު ރަށެއްގައި ތިންބަފައިން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި އެއްވެސް އަދަބެއް ނުލިބި އަދި ވެސް އެ މީހުން ދޫވެފައި ތިބި ކަމަށެވެ.

"އެއްކަލަ ސިފައިންގެ މީހުން ޔުނީފޯމު އަޅައިގެން އޮފީހަށް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރީ ހުރި ގޮތަށް. ކަމެއް ކިޔައި ނުދެވޭ ވަރުގެ ކުއްޖެއް ނޫން. ފަނަރަ އަހަރުގެ ކުއްޖެއްގެ ވާހަކަ މި ދައްކަނީ. އެކަމަކު އަދި ވެސް އެ މީހުން ދޫވެފައި އެ ތިބެނީ،" ރޮޒައިނާ ރޭ ކޮމެޓީގައި ވިދާޅުވި އެވެ.

އެ މައްސަލާގައި ރޭޕްގެ ޝިކާރައަކަށްވި ކުޑަކުއްޖާގެ މަންމަ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކޮޅެއްގައި ނުޖެހުމުން ރޮޒައިނާ އިސްނަންގަވައިގެން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސް މައްސަލަ ހުށަހެޅުުއްވިކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފަދަ ކަމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާއި ހިއްސާކޮށްފައެއް ނުވާކަމަށެވެ.

އެ މައްސަލާގައި އެމްއެންޑީއެފްއިން ރޮޒައިނާއާއި ފުލުހުންނާ، ގުޅުމުން، ކުޑަ ކުއްޖަކު ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދެވިފައެއް ނުވާކަން ވެސް އެމްއެންޑީއެފްއިން ފާހަގަކުރެއްވި އެވެ.

"ސިފައިންގެ މީހެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލެއް ހިނގާފައިވާކަމުގެ މަޢުލޫމާތެއް އެއްވެސް ފަރާތަކުން މި މުއައްސަސާއާއި ހިއްސާކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅާނަމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިގޮތައް ޢަމަލު ކުރެވޭނެ ކަމުގެ ޔަޤީންކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.

ސިފައިންގެ ދެ މީހުންގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރެވިފައިވާއިރު ދެކުނުގެ ރަށެއްގައި ދެ އަހަަރުގެ ކުޑަކުއްޖަކު ރޭޕްކުރުމުގައި ޝާމިލްވި ތިން ބަފައިން މިހާރު ވަނީ ހައްޔަރުވެސްކޮށްފަ އެވެ. އެ މައްސަލައިގައި ކަނޑުހުޅުދޫ ކައުންސިލަރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާއިން މިހާރު ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ ތަހުގީގެއް ހިންގުމަށް ވެސް ނިންމާފަ އެވެ.

comment ކޮމެންޓް