ރަޝިއާގެ ބޮޑުވަޒީރު ކަމަށް މިޚައިލް މިޝުސްތިން އައްޔަންކޮށްފި

މިޚައިލް މިޝުސްތިން

މޮސްކޯ (16 ޖަނަވަރީ 2020) : ރަޝިއާގެ ބޮޑުވަޒީރު ކަމަށް މިޚައިލް މިޝުސްތިން އިހުތިޔާރު ކުރުމަށް އެގައުމުގައި ވެރިކަންކުރާ ޔުނައިޓެޑް ރަޝިޔާ ޕާޓީން ނިންމައިފި އެވެ.

ރަޝިޔާގެ ޕާލަމެންޓް (ދޫމާ) ގެ ރައީސް ގެ މުސްތަޝާރު އެންސްތާސިޔާ ކަޝިވަރޫވާ ވިދާޅުވީ ރަޝިއާގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ބުދަދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ ޔުނައިޓެޑް ރަޝިޔާ ޕާޓީގެ ކައުންސިލުންވަނީ އައު ބޮޑުވަޒީރަކަށް މިޚައިލް މިޝުސްތިން އިހުތިޔާރުކޮށް އޭނާ މަގާމަށް އައްޔަންކުރުމަށް ޕާލަމެންޓަށް ފޮނުއްވާފަ އެވެ. ރަޝިޔާގެ ޕާލަމެންޓް ކަމަށްވާ ދޫމާ ގެ އަޣްލަބިއްޔަތު އޮންނަނީ ޔުނައިޓެޑް ރަޝިޔާ ޕާޓީއަށެވެ. މިއީ ރައީސް ވްލަޑިމީރު ޕޫޓިންގެ ޕާޓީ އެވެ.

ބޮޑުވަޒީރުކަމަށް މިޚައިލް މިޝުސްތިން އައްޔަންކުރާނީ އެކަމަށްޓަކައި ދޫމާ ގެ ތަޅުމުގައި ނަގާވޯޓުގައި އޭނާއަށް އަޣްލަބިއްޔަތު ލިބިގެންނެވެ. މިޝުސްތިން އަށް ދޫމާގައި އަޣްލަބިއްޔަތު ލިބުމުން އޭނާ މަގާމުގެ ހުވާ ކުރައްވާނީ ރައީސް ވްލަޑިމީރު ޕޫޓިންގެ ކުރިމަތީގައެވެ. މިޝުސްތިން ބޮޑުވަޒީރު ކަމަށް އައްޔަންކުރުމަށް ނަގާވޯޓު ދޫމާ ގެ ތަޅުމުގައި މިއަދު ނެގުމަށް ހަމަޖެހިފައިވާ ކަމަށް ދޫމާ ގެ ރައީސް ގެ މުސްތަޝާރު އެންސްތާސިޔާ ކަޝިވަރޫވާ ވިދާޅުވިއެވެ.

ރަޝިއާގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް މިދިޔަ ބުދަދުވަހު އިސްތިއުފާ ދެއްވުމާއެކު އޭނާގެ ކެބިނެޓްވެސް ވަނީ އުވިފައެވެ. ބޮޑުވަޒީރުކަމަށް މިޝުސްތިން އައްޔަންކުރުމާއެކު ރަޝިޔާގެ އައު ސަރުކާރުގެ ކެބިނެޓް އޭނާ އިއްލާން ކުރައްވާނެއެވެ. ކެބިނެޓްގެ މަގާމުތަކަށް މިހާރުވަނީ ބޭފުޅުން އިޚްތިޔާރުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޑްވެޑޭވް ގެ އިސްތިއުފާއަށްފަހު ރައީސް ވްލަޑީމީރު ޕޫޓިންވަނީ އޭނާއަށް ވެރިކަމުގެ އިތުރު ބާރުތައް ލިބޭގޮތަށް ރަޝިޔާގެ ގާނޫނު އަސާސީއަށް ބައެއް އިސްލާޙްތައް ގެނައުމަށް ދޫމާއަށް ހުށަހެޅުމަށް ނިންމަވާފައެވެ. ޕޫޓިން ގެ މި އިސްލާޙުތައް ބިނާވެފައިވަނީ ރައީސްކަމުގައި އިތުރު ދައުރަކަށް އޭނާ ހުންނަވާގޮތަށްކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ.

މިއީ ޕޫޓިންގެ ރިޔާސީ ހަތަރުވަނަ ދައުރެވެ. ކުރިން ދެ ދައުރުގައި ރައީސްކަން ކުރެއްވުމަށްފަހު ޕޫޓިން އަދާކުރެއްވީ ބޮޑުވަޒީރުކަމެވެ. ބޮޑުވަޒީރުކަމުގައި އެއްދައުރު އަދާކުރެއްވުމަށްފަހު އަލުން ރައީސްކަމަށް ކުރިމަތިލައްވައިގެން އިންތިޚާބުވެ ވަޑައިގެން އެއްދައުރު ފުރިހަމަ ކުރެއްވުމަށްފަހު މިއީ ދެވަނަ ބުރުގައި ޕޫޓިންގެ ރިޔާސީ ދެވަނަ ދައުރެވެ. ނަމަވެސް ހަގީގަތުގައި މިއީ އޭނާގެ ރިޔާސީ ހަތަރުވަނަ ދައުރެވެ. ރަޝިޔާގެ ގާނޫނު އަސާސީ ބުނާގޮތުން އެއްބޭފުޅަކަށް ޖެހިޖެހިގެން އެގައުމުގެ ރައީސްކަމަށް ކުރިމަތިލެއްވޭނީ ދެދައުރަށެވެ.

ޕޫޓިންގެ ވެރިކަމުގައި ރަޝިޔާވަނީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން އާދަޔާ ޚިލާފަށް ބާރުގަދަ ގައުމަކަށް ހައްދަވައި ހަތިޔާރުގެ ސިނާއަތުގައި އެގައުމުގެ ތާރީޚުގައިވެސް ފެނިފައިނުވާވަރުގެ ކުރިއެރުންތަކެއް ހޯދާފައެވެ. މިއާއެކު ޕޫޓިންގެ ވެރިކަމުގައި ރަޝިއާގެ ނުފޫޒުވެސް ދުނިޔޭގައިވަނީ ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު