އޯޕެކުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އޯޕެކް ފަންޑުގެ އެހީގައި ފަސް ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންޑިން އަދި އަށް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ޑރ. އަބްދުލްހާމިދު އަލް ހަލީފާ އެވެ.

ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު ވިހި އަހަރުގެ ތެރޭގައި ދައްކާގޮތަށް ދީފައިވާ މި ލޯނުގެ އިންޓްރެސްޓަކީ 4.6 ޕަސެންޓެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މި ލޯނު އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ ނަފާ 20،000 ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

އޯޕެކް ފަންޑުގެ އެހީގައި ވޯޓާ ސަޕްލައި ނެޓްވޯކާއި ނަރުދަމާ ގާއިމް ކުރާ އަށް ރަށަކީ ހދ. ނެއްލައިދޫ، ހދ. ނޭކުރެންދޫ، ހދ. މަކުނުދޫ، ށ. ފޭދޫ، ގދ. ވާދޫ، ގދ ފިޔޯރީ، އަދި ބ. ކެންދޫ އެވެ. މި ރަށްރަށުގެ އިތުރުން ބ.ދަރަވަންދޫގައި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް މި ލޯނު އެހީގެ ދަށުން ކުރާނެއެވެ.

އޯޕެކް ފަންޑުގެ އެހީގައި ހާބަރު މަސައްކަތްކުރާ ރަށްރަށަކީ ބ.ކުޑަރިކިލު، ބ.ދޮންފަނު، ބ.ކިހާދޫ އަދި ގދ ހޯޑެއްދޫ އާއި ގއ ކޮލަމާފުއްޓެވެ.

މި ޕްރޮޖެކްޓުތަކަކީ އޯޕެކް ފަންޑުގެ އެހީގައި ކުރިއަށް ގެންދިޔުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓުތަކެކެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ހާއްސަކޮށް ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ހިންގުމުގައި އޯޕެކް ފަންޑުން ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އެންމެ ބޮޑު އެއް އެހީތެރިކަމެއް ދޭ ފަރާތަކީ އޯޕެކް ފަންޑު ކަމަށެވެ.

އޯޕެކް ފަންޑުގެ އެހީގައި މިހާތަނަށް ރާއްޖޭގައި 23 މަޝްރޫއެއް ހިންގާފައިވާއިރު އެ ޖަމްއިއްޔާ އިންވަނީ 200 މިލިއަން ޑޮަލަރަށް ވުރެ ބޮޑު އެހީއެއް އެކި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމަށް ދީފައެވެ.

comment ކޮމެންޓް