އޭޑީކޭ މުވައްޒަފުންގެ ހާސްމޭލް ފުރިހަމަ ކުރި ފަރާތްތަކަށް މެޑަލް ދީފި

އޭޑީކޭގެ ހާސްމޭލް ފުރިހަމަ ކުރި ދުވުންތެރިންނަށް މެޑަލް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ// އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒިފުންނަށް ހާއްސަ ކޮށްގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "ހާސްމޭލް" ފުރިހަމަ ކުރި ބައިވެރިންނަށް މެޑަލް އާއި ހަނދާނީ ލިއުން ދީފި އެވެ.

އެއް އަހަރުތެރޭ އެއްހާސް މޭލު ދުވުމުގެ މަގުސަދުގައި އޭޑީކޭއިން މިދިޔަ އަހަރު ފެށި މި ކެމްޕޭނުގައި އަހަރު ނިމުނު އިރު އެ ހޮސްޕިޓަލުގެ ހަތް ބޭފުޅަކު ވަނީ ހާސް މޭލު ފުރިހަމަ ކޮށްފަ އެވެ. ކުންފުނީގެ މުވައްޒިފުން ހަށިހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބާރުއެޅުމުގެ ގޮތުން އޭޑީކޭ އިން މިދިޔަ އަހަރު ފެށި އެ ހަރަކާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުގެ އެ ކެމްޕޭނުގެ ދަށުން ތިން ކެޓަގަރީއަކަށް ވަނީ މެޑަލް ދީފަ އެވެ. އެގޮތުން ފުރަތަމަ ކެޓަގަރީ އަކީ 100 މޭލާއި 500 މޭލާ ދެމެދަށް މިދިޔަ އަހަރުގެ ތެރޭގައި ދުވި މުވައްޒަފުންނަށް ދޭ ބްރޯންޒް މެޑަލް ކެޓަގަރީ އެވެ. ދެ ވަނަ ކެޓަގަރީ އަކީ 500 މޭލަށް ވުރެން ގިނައިން ދުވި ފަރާތްތަކަށް އެކަމަކު ހާސް މޭލް ހަމަނުކުރެވުނު ފަރާތަކަށް ދޭ ސިލްވާ މެޑަލް ކެޓަގަރީ އެވެ. އަދި ތިން ވަނަ ކެޓަގަރީއަކީ މިދިޔަ އަހަރު ތެރޭ ހާސް މޭލު ހަމަކުރި ފަރާތްކަށް ދޭ ރަން މެޑަލްގެ ކެޓަގަރީ އެވެ.

ރަން މެޑަލް ހޯދި ފަރާތްތަކަށް ސިލްވާ އަދި ބްރޯންޒް މެޑަލް ވެސް ވަނީ ދީފަ އެވެ. އަދި ސިލްވާ މެޑަލް ހޯދި ފަރާތްތަކަށް އެ މެޑައްޔާ އެކު ބްރޯންޒް ވަނީ ދީފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭ 100 މޭލާއި 500 މޭލް ހަމަކޮށްގެން 12 ފަރާތަކުން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އަދި ނުވަ ފަރާތަކުން ރިހި މެޑަލް ހޯދި އިރު ހަތް ފަރާތަކުން ރަން މެޑަލް ހޯދި އެވެ.

އޭޑީކޭގެ ހާސްމޭލް ކެމްޕެއިނުގެ ޓައިޓަލް ސްޕޮންސަރު ކަމަށްވާ ދިރާގުން ވަނީ ރަން މެޑަލް ހޯދި ހަތް ފަރާތަކަށް ހަ މަހުގެ ފްރީ އޮފް ޗާޖް 1000ގެ ޕޯސްޓްޕެއިޑް ޕެކޭޖެއް ހަދިޔާ ކޮށްފަ އެވެ. އަދި ރަން މެޑަލް ހޯދި ފަރާތްތަކަށް އޭޑީކޭގެ ހާއްސަ ޖާޒީއެއް ވަނީ ހަދިޔާ ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ކެމްޕެއިނަށް ލިބުނު ތާއީދާ އެކު މި އަހަރު ވެސް ތަފާތު ކޮންސެޕްޓަކާ އެކު ދުވުމުގެ ކެމްޕެއިނެއް ބޭއްވުމަށް އޭޑީކޭއިން ވަނީ ނިންމައިފަ އެވެ. އެގޮތުން އޭޑީކޭ ކޮމްޕެނީގެ މުވައްޒިފުންގެ މެދުގައި ގްރޫޕު ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި 2020 މޭލަށް ދުވުމަށް ވަނީ ހަމަޖައްސާފަ އެވެ.

އެކަމަކު މި ދުވުން ދުވާނީ ގްރޫޕްތަކަށް ބަހާލައިގެން ކަމުން ކޮންމެ ދުވުންތެރިއެއް ވެސް ދުވަން ޖެހޭނީ އެ ދުވުންތެރިއަކަށް ދީފައިވާ ވަރަށެވެ. ޖުމުލަ 2020 މޭލު ހަމަކުރާނީ ބައިވެރިވާ ހުރިހާ ދުވުންތެރިންގެ ޖުމުލަ އެއްކޮށްލައިގެންނެވެ.

comment ކޮމެންޓް