އަފްރާޝީމުގެ މަރުގެ ރިޕޯޓް މަޖިލީހުން ދިރާސާކުރީ ގޯސްކޮށް: ރިޔާޒު

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު -- ފޮޓޯ/ މަޖިލިސް

އަނިޔާވެރިގޮތަކަށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ އިން ދިރާސާކުރި ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ފާޑު ވިދާޅުވެއްޖެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގައިދިޔައިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ރިޔާޒު، "ސީއެންއެމްގެ އިތުރު ކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އަފްރާޝީމްގެ މަރާގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޝަނުގެ މެންބަރުންނާ ސުވާލު ކުރަން ބޭނުންފުޅުވާ ވާހަކަ ކޮމެޓީގައި ދެންނެވި ކަމަށެވެ. ނަމަވެސް، އެކަން ކޮމިޓީއިން އެކަން ނުކުރައްވާކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މަޖިލީހަށް ރިޕޯޓު ހުށަހެޅުނީމާ އަޅުގަނޑު ދެންނެވިން، މަރުކޮމިޝަނުގެ ބޭފުޅުންނާ ސުވާލުކުރަން ބޭނުންވާ ވާހަކަ. އެހެންނަމަވެސް ކޮމެޓީގެ މެޖޯރިޓީ އޮތީ އެމްޑީޕީ. އެ ފުރުސަތު ދޭކަށް ބޭނުމެއް ނުވި،" މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ ރިޕޯޓް ދިރާސާކުރިއިރު އޭނަގެ ބައިވެރިވުމެއް ނޯންނާނެކަން ފާހަގަ ކުރައްވާ ރިޔާޒު ވިދާޅުވި އެވެ. "އަޅުގަނޑާ ސުވާލުކޮށްފައިވާ މައްސަލައަކަށް ވެފައި، ކޮމެޓީގައި އިނދެގެން އަޅުގަނޑު އަނެއްކާ އެ މައްސަލަ ބަލާކަށް އެއީ އެންމެ ރަނގަޅު ގޮތެއްވެސް ނޫން،"

ރިޔާޒު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ފޮނުވުމުން ރައްޔިތުން ކަންބޮޑުވުން އުފެއްދި ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށް ދެންނެވި ކަމަށެވެ.

"ކޮމެޓީ އިން އެ މައްސަލަ ދިޔައީ އެންމެ ރަނގަޅަކަށް ނޫން. އަޅުގަނޑަށް ގަބޫލު ކުރަން އުނދަގޫ އެއީ ރަނގަޅަށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރިޕޯޓުގައި ފާހަގަކޮށްފައިހުރި މުހިއްމު ކަންތައްތަކެއް ހުރި. އެ ސުވާލު ކުރެވިގެން އިތުރަށް ތަފްސީލު ވާންޖެހޭ ކަންތައްތަކެއް،" ރިޔާޒު ވިދާޅުވި އެވެ.

މީގެ ކުރިން އެކި ފަހަރުމަތިން ރިޔާޒު ވިދާޅުވެފައިވަނީ އަފްރާޝީމްގެ މަރާ ގުޅޭގޮތުން އެނގިލައްވާ ވާހަކަތައް އެކަށީގެންވާ ޕްލެޓްފޯމެއްގައި ވިދާޅުވާނެ ކަމަށެވެ. އެ ޕްލެޓްފޯމަކީ ޕަބްލިކް ޕްލެޓްފޯމެއް ނޫންކަމަށް ވިދާޅުވެ ރިޔާޒު ވިދާޅުވީ އަފްރާޝީމްގެ މަރާގުޅޭގޮތުން އެނގިިލައްވާ މައުލޫމާތު މަރުކޮމިޝަނާ ހިއްސާ ކުރެއްވި ކަމަށެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅުންވެސް އެ ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދި ކަމަށާއި އެ ސުވާލުތަކަށްވެސް ޖަވާބު ނުލިބޭ ކަމަށެވެ. މަޖިލީހުގެ 241 ކޮމެޓީ އަށް މަރުކޮމިޝަނުގެ މެންބަރުން ހާޒިރުކޮށް ސުވާލުކޮށްފައި ނުވާތީ، އެކަމަށްވެސް ރިޔާޒު ވަނީ ފާޑުވިދާޅުވެފަ އެވެ.

"ކްލޯޒްޑް ޑޯ އެއްގައިވިޔަސް ސުވާލު ނުކުރައްވާ. އެ ސުވާލު އެބަ އުފެދޭ،" އެ ރިޕޯޓާ ގުޅޭގޮތުން ރިޔާޒު ވިދާޅުވި އެވެ.

މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓުތަކާއެކު ދައުވާ ކުރަން ފޮނުވުމުން، އަލުން އަނބުރާ ފޮނުވާލާފައިވާއިރު، އެކަންވެސް ރިޔާޒު ފާހަގަ ކުރެއްވި އެވެ.

"ހުރިހާއެއްޗެއްގެ ޑީޓެއިލް އަޅުގަނޑަކަށް ނުއެއް އެނގޭ، ފަހުގެ ފައިންޑިންގްސް ތައް. ސީދާ ރިޕޯޓަށް އަޅުގަނޑު ކޮމެންޓު ކުރާކަށް ބޭނުމެއް ނުވޭ. ސީދާ އެއީ ރަނގަޅު އެއްޗެއްތޯ، ސައްހަ އެއްޗެއްތޯ،" ރިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް