ޓެކްނޮލޮޖީ ބޭނުންކުރުމުގައި ވަރަށް ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށް ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކްގެ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ނޫރާނީ ސްކޫލްގައި މިރޭ އޭނާ ދަރުސް ދެއްވީ ބައެއް މުސްލިމުން ދީނުގެ މަގުން ކައްސާލާ ސަބަބުތަކާ ގުޅޭ ގޮތުންނެވެ.
ޓެކްނޮލޮޖީ މިހާރު ކުރިއަަމުންދާ ބާރުމިނާއެކު ޓެކްނޮލޮޖީ ބޭނުންކުރުމުގައި ޒިންމާދާރުވާން މެންކު މިރޭ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
"ޓެކްނޮލިޖީއަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން އެ ވަސީލަަތް ބޭނުންކުރާ ގޮތް ގޯސްވެދާނެ. އޭގެ ސަބަބުން އަޅުގަނޑުމެން ހަލާކުވެދާނެ" މެންކު ވިދާޅުވި އެވެ.
އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ފޯނަށް ދެވިހިފާފައިވާ މައްސަަލަ ފާހަގަކުރައްވައި މެންކު ވިދާޅުވީ ކައިރީގައި ޖެހިގެން ތިބޭއިރުވެސް މެސެޖުކޮށް މިހާރު ހަދާ ކަމަށާއި ފޯނު ބޭނުން ކުރުން ހައްދުން ނައްޓާފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ ރިވެތި އަހުލާގާއި އުސޫލުތަކުގެ ހަމަތަކުން ނެއްޓުމުން ވަރަށް ގިނަ ފަހަރު ފަހަރު މުސްލިމުންނާމެދު ދެކޭގޮތް ބަދަލުވާ ކަމަށާއި އެހެން ނަމަވެސް އެ އަމަލުތަކަކީ އިސްލާމް ދީނާ ފުށޫއަރާ ކަމެއްކަން މެންކް ފާހަގަކުރެއްވި އެވެ. އެގޮތުން ވާހަަކަ ދެއްކުމުގައި އަޅުގަނޑުމެން ވަރަށް ގިނައިން ބޭ އަދަބީ ބަސް ބޭނުންކުރާކަމަށް މުފްތީ ވިދާޅުވި އެވެ.
"ކީރިތި ރަސޫލާ މީހުންނާ ހަޑި ހުތުރުކޮށް ވާހަކަނުދައްކަވާ،" މެންކު ވިދާޅުވި އެވެ.
އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދެއްކުމުގައި މިހާރަކަސް އައިސް ބޭނުންކުރާ ހަޑިހުތުރު ބަހަކަށް އިޝާރާތްކުރައްވައި ވިދާޅުވީ އެ ބަސްތައް ބޭނުންކުރާ ވަރު އަޅުގަނޑުމެން ކެއުމުގައި ލޮނާއި އަސޭމިރުސް ބޭނުންކުރާ ވަރާ އެއްވަރު ކަމަށެވެ. އެހެންކަމުން އެފަދަ ބަސްތައް މިއަދުން ފެށިގެން ބޭނުންކުރުން ހުއްޓާލަން އަޒުމް ކަނޑައަޅުމަށް މެންކު އިލްތިމާސްކުރެއްވި އެވެ.
މެންކު ވިދާޅުވި ގޮތުގައި މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި ސިފަތަކާމެދު ޝުކުރުވެރިވާން ޖެހެ އެވެ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އިސްތަށިގަނޑާއި ހަންގަނޑާއި މޫނު ހެއްދެވީ ވަކި ގޮތަކަށް ކަމަށާއި އެހެންނަމަވެސް ﷲ އާ ގާތް މީހުން ތިބާ ކޮންމެ ސިފައެެއްގައި ހުރި ނަމަވެސް ލޯބި ވާނެ ކަމަަށެވެ.
މުފްތީގެ ދަރުސްގައި ޓެރަރިޒްގެ މައްސަލައަށްވެސް އަލި އަޅުވާލެއްވި އެެވެ. އެގޮތުން ނައިޖީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތް ބޮކޯހަރަމްއިން ސެކިއުލާ ތައުލީމާ ދެކޮޅަށް ނިކުމެ އެފަދަ ތައުލީމް އުނގެނޭ މުސްލިމުން މަރަން ފެށުމުން އެނގެނީ އެމީހުންނަށް އިސްލާމްދީނުގެ ހަގީގަތް ނޭނގޭވަރު ކަމަށް މެންކު ވިދާޅުވި އެވެ.