ފޭރުމުގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ވަޒީފާއިން ސަސްޕެންޑުކޮށްފި

ޑިސެމްބަރ 2، 2019: މާލޭ ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު މައްސަލައެއްގައި ފުލުހަކާއެކު އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަންގްލަދޭޝަން ރައްޔިތެއްގެ އަތުން ވޯކް ޕާމިޓާއި ފައިސާ ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ޖެނުއަރީ 12 ވަނަ ދުވަހުގެ 18:45 ހާއިރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ހައްޔަރު ކޮށްފައިވާ ދިވެހި މީހާއަކީ ފުލުހުންގެ ވަޒީފާގައި ޕޮލިސް ލާންސް ކޯޕްރަލްއެއްގެ މަގާމުގައި މަސައްކަތް ކުރަމުންދާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ފުލުސް މީހާގެ މައްޗަށް ފޭރުމުގެ ތުހުމަތު ކުރެވި، ހައްޔަރު ކުރުމާއެކު އޭނާ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވެސް ކުރަމުން އަންނަ ކަމަށެވެ.

ފޭރުމުގައި ދެން ހިމެނޭ ބަންގްލަދޭޝް މީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފޭރުމުގެ ޖުމުލަ 483 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ހިނގި 13 ދުވަހުގެ މުއްދަތުގައި ފޭރުމުގެ އަށް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް