ކަނޑުމަތީގެ އެކްސިޑެންޓެއްގައި ދެ ޓޫރިސްޓަކު މަރުވި މައްސަލައިގައި ކައްޕިއަށް ޖޫރިމަނާއެއް

ކުރިމިނަލް ކޯޓު ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

މީގެ ފަސް އަހަރު ކުރިން ކ. އަތޮޅުގައި ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފަތުރުވެރިއަކު މަރުވި މައްސަލައިގައި، ލޯންޗު ދުއްވަން އިން ކައްޕިގެ މައްޗަށް ކުރި އިހުމާލުގެ ދައުވާ ސާބިތުވެ އޭނާ ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދެ ޓޫރިސްޓުން މަރުވި ހާދިސާ ހިނގީ ޑިސެމްބަރު 17، 2015ގައި ކ. ގުޅިން މާފުއްޓަށް ދަތުރުކުރަމުން ދިޔަ "ސަންލިޓް 1" ލޯންޗު "ފަރިހި 2" ޑައިވިން ދޯނީގައި ޖެހިގެންނެވެ. އެކްސިޑެންޓުވި ލޯންޗު ދުއްވަން އިނީ ފ. ނިލަންދޫ، އުނިމާގެ، އިބްރާހިމް ނާސިރު އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ގާޒީ ހަސަން ނަޖީބު މިދިޔަ ހޯމަ ދުވަހު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ އެކްސިޑެންޓު ހިނގި ސަރަހައްދަކީ މަސްބޯޓު ފަދަ އުޅަނދުތައް އެ ސަރަހައްދުގައި ދުއްވާތީ އާންމުކޮށް، މަޑުން ލޯންޗު ދުއްވާ ސަރަހައްދެއް ނަމަވެސް، އެކްސިޑެންޓު ހިނގި ދުވަހު ލޯންޗު ދުއްވީ ފުދޭވަރަކަށް ބާރަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދީ ކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ. އިބްރާހިމް އެ ދުވަހު ބާރަށް ލޯންޗު ދުއްވީ ވިއްސާރައިން ސަލާމަތްވުމަށް ކަމަށްވެ އެވެ.

އެކްސިޑެންޓުވި އިރު ދެ އުޅަނދު ވެސް ދުއްވާފައި ވަނީ ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެން ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އިބްރާހިމް ލޯންޗް ދުއްވާފައިވަނީ ކަނޑުމައްޗަށް ބެލުމުގެ ބަދަލުގައި ޖީޕީއެސް އަށް ބަލައިގެންކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ފަރިހި 2" ދޯނީގެ ނެވިގޭޝަން ލައިޓުވެސް ދިއްލާފައިވާ ހާލަތުގައި އިބްރާހިމް ޖީޕީއެސްގެ ބަދަލުގައި ކަނޑުމައްޗަށް ސަމާލުކަން ދިން ނަމަ، "ފަރިހި 2" ދޯނި ކުރިއާލާ ފެނި، އެ ހާދިސާއިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުނީސް ކަމީ އާދައިގެ ފަރުދެއްގެ ނަޒަރުން ބަލާއިރުވެސް ގަބޫލު ކުރެވޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

ގާޒީ ހަސަން ނަޖީބް އެ މައްސަލައިގައި ހުކުމް ކުރެއްވީ އިބްރާހިމް ނާސިރު 116،200 ރުފިޔާއިން ޖޫރިމާނާ ކުރުމަށެވެ. އަދި އެ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމުގައިވެ އެވެ.

އިބްރާހިމް ނާސިރު ޖަލަށް ލާން ހުކުމް ކުރި ނަމަ އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވޭނެ އެވެ. އަދަބެއްގެ ގޮތުގައި އޭނާ ޖޫރިމަނާ ކުރީ ކުށް ކުރި ހާލަތާއި ކުށްވެރިޔާގެ ޒާތީ ހައިސިއްޔަތަށާއި މުޖުތަމައުގެ ބޭނުންތަކަށް ބަލައި އެހެން އަދަބެއް ކަނޑައެޅުމަށް ގާޒީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުންނެވެ. އެއީ އޭނާގެ މައްޗަށް މީގެ ކުރިން ކުށެއް ސާބިތުވެފައި ނުވާތީ އާއި އޭނާގެ އަމަލަކީ ގަސްތުގައި ބަޔަކަށް ގެއްލުން ދިނުމަށް ހިންގި އަމަލަކަށް ނުވާތީ އެވެ.

comment ކޮމެންޓް