ފަރްހާން އަހްތަރު ކައިވެނި ކުރަނީ؟

ފަރްހާން އާއި އޭނާގެ ލޯބިވެރިޔާ ޝިބާނީ--

ބޮލީވުޑްގެ ފިލްމީތަރި ފަރްހާން އަހްތަރު، 46، ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.

މި އަހަރުތެރޭ ކައިވެނިކުރެވޭ ކަމުގެ ވާހަކަތައް ދެކެވުން އަންނަ އިރު ހަބަރުތައް ބުނާ ގޮތުގައި ފަރްހާން ކައިވެނިކުރާނީ މި އަހަރު ފަހުކޮޅުގައި ކަމަށެވެ. އަދި މިހާރު ކައިވެނީގެ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ފަރްހާން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މޮޑެލް ޝިބާނީ ދަންޑެކާރު، 39، އާ އެވެ.

ފަރްހާންގެ ކައިވެނީގެ އަޑުތައް ގަދަވުމާ ގުޅިގެން އޭނާގެ ބައްޕަ ޖާވިދު ހާން ބުނީ ކައިވެނިކުރަން އުޅޭ ވާހަކައެއް އޭނާ ގާތު ނުބުނާ ކަމަށާއި ބައެއް ފަހަރު ދަރިން ބައްޕަ އަށް ވެސް ސިއްރުން އުޅޭ ކަމަށެވެ. ގިނަ ފަހަރެއްގެ މަތިން އޭނާގެ ލޯބިވެރިޔާ ޝިބާނީ އާ ދިމާވެފައިވާ ކަމަށާއި އޭނާ އަކީ ފަރްހާން އަށް އިހްތިރާމް ކުރާ، ލޯބި ކުއްޖެއް ކަމަށް ވެސް ޖާވިދު ބުންޏެވެ.

ފަރްހާން ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ދެހާސް ވަނަ އަހަރު ފަރްހާން، އަދުނާ ބަބާނީ އާ ކައިވެނިކޮށް ވަނީ އެދެމަފިރިންނަށް ދެ ދަރިން ވެސް ލިބިފަ އެވެ. އެ ދެ މަފިރިންގެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުގަ އެވެ.

ފަރްހާންގެ މިހާރުގެ ލޯބިވެރިޔާ ޝިބާނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެއް ނުވެ އެވެ.

ފަރްހާންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ދަ ސްކައި އިޒް ޕިންކް" އަދި "ދިލް ޗާތާ ހޭ" ހިމެނެ އެވެ.

comment ކޮމެންޓް