ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ޗީފް ރިސްކް އޮފިސަރު ގެ މަގާމަށް ގެރީ ލޯޓަން އަދި ބީއެމްއެލް އިސްލާމިކް ބޭންކިން ގެ ޑިރެކްޓަރުގެ މަގާމަށް ސުރީ ހާނިމް މުހާއްމަދު ހަމަޖައްސައިފި އެވެ.
ޗީފް ރިސްކު އޮފިސަރުގެ މަގާމަށް ހަމަޖެއްސި ގެރީ ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގަ އެވެ.
ގެރީ އަކީ ބޭންކިން އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ އިނގިރޭސިވިލާތް އަދި ސައުތް އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައެވެ.
އިސްލާމިކް ބޭންކިންގެ ޑިރެކްޓަރަކަށް ހަމަޖެއްސި ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މާގާމްތަކެއް ފުރުއްވައި 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ފަރާތެކެވެ.
އޭނާ ވަނީ ތަވާފުގު ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ.
ސުރީ ވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމާއި އެގްޒެކްޓިވް ޑިރެކްޓަރ ގެ މަގާމްވެސް ފުރުއްވާފައެވެ.
މީގެ ކުރިންވެސް ބީއެމްއެލް އިސްލާމިކްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މެލޭޝިއާގެ ބޭފުޅެކެވެ.
މި ދެބޭފުޅުން މަގާމުތަކަށް ހަމަޖެއްސުވުމާ ގުޅިގެން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ދެބޭފުޅުންގެ އެކްސްޕަޓީޒް ބޭންކަށް ވަރަށްމުހިއްމު ކަމަށެވެ. އަދި ބޭންކް ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް އޮޕަރޭޓް ކުރުމުގައި އެބޭފުޅުންގެ ހިޔާލު މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.
"ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކުއަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ،" ޓިމް ވިދާޅުވި އެވެ. "މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމަކީވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލްއަގުވާމީ ތަޖްރިބާ އާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރު ހަރުފަތަކަށް ދިޔުން. ގެރީ އާއި ސުރީގެ އަށް ކާމިޔާބީއަށް އެދެން."