ހަތިޔާރު ހިފައިގެން ނިކުމެ ސަރުކާރު ވައްޓަލަން ޖެހޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވުވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާ ބޭއްވި ޖަލްސާއެއްގައި ލަތީފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނާނީ ހަތުޔާރު ތޫނުކޮށްގެން ކަމަށެވެ. އަދި އެ ނޫން ކަމެއް ދެން ނުކުރައްވާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލަތީފްގެ މި ވާހަކައަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އިރު އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށްވެސް ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.
އެރޭގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ލަތީފް މިރޭ ވިދާޅުވީ ހަތިޔާރު ހިފައިގެން ނިކުންނަ ކަމަށް ކުރީރޭ ވިދާޅުވީ މަޖާޒީ ގޮތެއްގައި ކަމަށެވެ.
ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންނަށް އިޝާރާތް ކުރައްވާ ލަތީފް މިރޭ ވިދާޅުވީ ޕީޕީއެމްގެ ހުރިހާ މެންބަރުން އެކައްޗަކަށްވެ، ކަމަރު ބަނދެ ސަރުކާރާ ދެކޮޅަށް ނިކުންނަން ވެއްޖެ ކަމަށެވެ.
"މާދަމާ ބުނާނެ އޭ ކަމަރުތަކެއްގެ ވާހަކަ ދައްކައިފިޔޭ. ކޮން ކަމަރުތަކެއް ހެއްޔޭ؟ މިއީ ދިވެހި ބަހުގައި މަޖާޒީ ގޮތެއްގައި ބޭނުން ކުރާ ބަސްބަސް. ކަމަރު ބަނދެލައިގެން އެކައްޗަކަށްވެގެން ނިކުންނަން ވީ،" ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީރޭ ވެސް ދެންނެވީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓަލާ ވާހަކަ ކަމަށެވެ. ހަތިޔާރަކީ ދިވެހީން މަޖާޒީ ބަހެއްގެ ގޮތުގައި ބޭނުންކުރާ ބަހެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ކެމިކަލް ހަތިޔާރުގެ ވާހަކަ ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.
"އެއްގޮތަކަށްވެސް މިކިޔަނީ ކެމިކަލް ހަތިޔާރު ވާހަކައެއް ނޫން. ބަޑިއާ ލޮންސި އާ ކަތިވަޅި ވާހަކައެއް ނޫން މި ދައްކަނީ،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާދޭ ވާހަކަ ނުދައްކާ ކަމަށެވެ.
"ސަރުކާރު ސައިޒަށް ތިރިކުރަންވީ ގާނޫނީ އިމުގެ ތެރެއިން. އެކަން ކުރަން އަޅުގަނޑުމެން ބިރެއް ނުގަނޭ،"
ލަތީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސަރުކާރު ވައްޓާލަން ނިކުތުމުން ލިބިދާނެ އަނިޔާއަކަށް ފަސް ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.