ދ. ރިނބުދޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެކުލަވަލާފައިވާ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކޮށް، އެ ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދިނުމަށް ކައުންސިލުން އެދެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ރިނބުދޫ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރިނބުދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކައުންސިލުން ރާވާފައިވާ ޕްލޭން ރައީސް އާ ހިއްސާ ކޮށްފައެވެ. އަދި ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ދާއިރާތަކާއިމެދު ކައުންސިލުން ވަނި ރައީސް އާ މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރިނބުދޫގެ ބަނދަރުގެ މަޝްރޫއާއި މިއަހަރަށް ރާވަައި ބަޖެޓުކޮށްފައިވާ އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއާ ގުޅޭގޮތުން ރައީސް އާ މަޝްވަރާކޮށްފައެވެ.
އެގޮތުން ރަށުގެ ފެނުގެ ހާލަތު މި ވަގުތު އޮތް ގޮތް ހިއްސާކޮށް ކައުންސިލުން ވަނީ، ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އަވަސްކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، ބަނދަރު ފަރުމާކޮށްފައިވާ ގޮތުން ކުރިމަތިވާ ބައެއް ދަތިތަކުގެ މަޢުލޫމާތުރައީސް އާ ހިއްސާކޮށް ކައުންސިލުން ވަނީ މި ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ރަށުގެ ކުނިކޮށީގެ މަސައްކަތް ނިމިފައި ވީ ނަމަވެސް، ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ހުރި ހުރަސްތަކުގެ މައުލޫމާތުވެސް ކައުންސިލަރުންވަނީ ރައީސް އާ ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުންވެސް، ރަށަށް ކުރިމަތިވެފައިވާ ބައެއް އެހެނިހެން މައްސަލަތައް ފާހަގަކުރައްވާ، ކައުންސިލަރުންވަނީ، ގޯތި ދޫކުރުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތަކާއިބެހޭ މައުލޫމާތު ރައީސް އާ ހިއްސާ ކުރައްވާފައެވެ.
ކައުންސިލުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ އިޖްތިމާއީ ބައެއް މަސައްކަތްތައް ފާހަގަކުރައްވާ، ކައުންސިލަރުންވަނީ މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް "މަރިޔަންމާ" ކެމްޕެއިންގެ ނަމުގައި ހާއްސަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫގައި ކުރިއަށްގެންދަވާ މަޝްރޫއުތަކާއި، ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ވަކިވަކީން އަލިއަޅުއްވައިލައްވައި އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވަން ކުރެއްވެން ހުރި މަސައްކަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިވަޑައިގެން ކުރައްވާނެކަމުގައި ވިދާޅުވިއެވެ.