މާފު ނުދޭ ގައިދީއަކު މިނިވަންވީ ޖަލު އޮފިސަރަކު ލިޔުން ބަދަލުކުރުމުން: މުނާޒް

ޖެނުއަރީ 8، 2020: މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާ ތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދީފައި ނުވާ ގައިދީއަކު މިނިވަން ކުރެވުނީ ކަރެކްޝަންސްގެ އޮފިސަރަކު ގަސްދުގައި ލިޔެކިޔުންތައް ބަދަލުކުރުމުން ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

އެހެން މީހަކަށް އަދަބު ލުއިކޮށްދިނުމަށް އަންގައި ރައީސް އޮފީހުގެ ފަރާތުން ކަރެކްޝަނަލް ސާވިސް އަދި ކަމާބެހޭ ފަރާތްތަކަށް އަންގައި ފޮނުވި ސިޓީގެ ނަމްބަރާއި ހަވާލާދީ އެހެން ގައިދީއެއް މިނިވަން ކޮށްފައިވާ ކަމަށް ބުނެ މުނާޒްގެ މައްސަލައެއް އާންމު ފަރާތަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދޭން އަންގާފައި ނުވާ ގައިދީއެއް ކަމަށްވާ މައުސޫމް މޫސާ، އެދީވިލާ، ލ.ގަން، މިނިވަން ކޮށްފައިވަނީ މުނާޒް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދަން ކަމަށް އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވެ އެވެ.

މިއަދު ކަރެކްޝަނަލް ސާވިސްގެ އޮފީހުގައި ދެއްވި ޕްރެސް ކޮންފަރެންސެއްގައި އެ މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މުނާޒް ވިދާޅުވީ އެއީ އޭނާގެ އެއްވެސް ކަމެއް ހިމެނިގެން ހިނގި ކަމެއް ނޫން ކަމަށާއި އެއީ ކަރެކްޝަންސްގެ އޮފިސަރަކު ގަސްދުގައި ލިޔެކިޔުމަށް ބަދަލުގެނެސްގެން ކުރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އޮފިސަރަކު ގަސްދުގައި ލިޔެކިޔުމެއް ބަދަލުކޮށްގެން ކުރި ކަމެއް އެއީ،" މުނާޒް ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ އެކަން އެނގުނީ އެ ލިޔުމުގައި ސޮއިކޮށް، އެމީހާ ދޫވި ފަހުން ކަމަށެވެ. ނަމަވެސް އެކަން އެނގުނު ހިސާބުން، ލިޔުން ބަދަލުކުރި އޮފިސަރު ސަސްޕެންޑުކޮށް، މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅި ކަމަށާއި އަދި ދޫވި ގައިދީ އަލުން އަނބުރާ ޖަލަށް ލާފައިވާ ކަމަށެވެ.

މުނާޒް ވިދާޅުވީ އެ މައްސަލައިގައި އެކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ސުވާލުކޮށް، ބޭނުންވާ ހެކި ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި މިއަދު މުނާޒް އެ މަގާމުގައި ހުންނެވީ އެ މައްސަލައިގައި އޭނާގެ އަތެއް ނުވާތީ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން ދެން އަޅުގަނޑަކީ ކޮރަޕްޓްވާނެ މީހެއް ނޫން. ލާރިއެއް ބޭނުންވެގެން ނާޖާއިޒް ގޮތެއްގައި ކަމެއް ކުރާނެ މީހެއް ނޫން އަޅުގަނޑަކީ،" މުނާޒް ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ އޭސީސީން މައްސަލަ ބަލައިފިނަމަ އެކަމުގައި އޭނާގެ މައްސަލައެއް ނެތްކަން އެނގޭނެ ކަމަށެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގައިދީއަކަށް އަދަބު ލުއިކޮށްދެވޭނީ ނުވަތަ މާފުދެވޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ގައިދީއަކު ހުކުމް ތަންފީޒުކޮށް ނުނިމެނިސް މިނިވަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އަދަބު ލުކޮށްދިނުމުން ނުވަތަ މާފު ދިނުމުންނެވެ.

comment ކޮމެންޓް