މިދިޔަ އަހަރު މާފުށީ ޖަލުން އެކަނި ވެސް 277 ފޯނު އަތުލައިގެންފައިވާ ކަމަށާއި ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންގެ ދައުރެއް އޮންނަ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ތުހުމަތު ކުރައްވައިފި އެވެ.
މިދިޔަ ހަފުތާ ބަންދުން ފެށިގެން މާފުށީ ޖަލާއި މާލެ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ މުނާޒު ވިދާޅުވީ ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނިމިދިޔަ އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށެވެ.
"ޖަލުތަކަށް މީގެ ކުރިން ވަދެފައި ހުރި ފޯނުތަކާއި މިހާރު ވައްދަމުން ގެންދާ ފޯނުތަކާއި ޑްރަގް ވަނުމާއި މިކަންކަން މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ... ހަމައެކަނި މާފުށީ ޖަލުގައި ހިންގި ސާޗް އޮޕަރޭޝަންތަކުގެ ތެރެއިން 277 މޯބައިލް ފޯނު މިދިޔަ އަހަރު ފެނިފައިވޭ. އެތަކެތި ވާނީ އަތުލާފައި،" މުނާޒު ވިދާޅުވި އެވެ.
މުނާޒު ވިދާޅުވި ގޮތުގައި ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އެއާޕޯޓުތަކުގައި ގެންގުޅޭ ފަދަ ސްކްރީނިންގް މެޝިނެއް ނެތުމެވެ. މިހާރު ހުރި އެފަދަ ވަސީލަތްތަކަކީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ތަކެތި ކަމަށް ވެސް މުނާޒު ވިދާޅުވި އެވެ.
މީގެ އިތުރުން ޖަލަށް ވެއްދުން މަނާ ތަކެތި އެތަންތަނަށް ވައްދާ ގޮތްތަކެއް ވެސް ހޯދިފައިވާ ކަމަށާއި ޖަލަށް މަނާ ތަކެތި އެތެރެކުރިކަން މީގެ ކުރިން ޖަލު އޮފިސަރުންގެ މައްޗަށް ސާބިތު ވެސް ވެފައިވާ ކަމަށް ވެސް މުނާޒު ވިދާޅުވި އެވެ.
ޖެނުއަރީ 8، 2020: މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާ ތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ޖަލަށް ފޯނު ވަންނަ ވަރަށް ގިނަ ގޮތްތައް އެބަހުރި. އަޅުގަނޑުމެންގެ [ކަރެކްޝަންސްގެ] އޮފިސަރުންނަށް ވެސް ތުހުމަތުތަކެއް ކުރެވުނު. އަދި މިދިޔަ އަހަރުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވުނު ޖަލަށް [ފޯނެއް ނޫން] މަނާ އެއްޗެހި ވެއްދުމުގެ ތުހުމަތުގައި ދެ ކުއްޖަކު ކަނޑާ ވެސް ލެވުނު. ކުރިއަށް އޮތް ތަނުގައި [އެފަދަ ކަމެއް] އޮފިސަރެއްގެ ފަރާތުން ފެނިއްޖެއްޔާ އެ ކުއްޖަކު ޖެހޭނީ ވަޒީފާއިން ދާން." މުނާޒު ވިދާޅުވި އެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދި މައްސަލައެއް ސާބިތުވެގެން މިދިޔަ އަހަރު ދެ އޮފިސަރުން ވަކިކުރި ކަމަށް މުނާޒު ވިދާޅުވި ނަމަވެސް، އެ ދެ އޮފިސަރުން އެތެރެކުރީ ކޮން އެއްޗެއް ކަން ވިދާޅުވެފައެއް ނުވެ އެވެ.
މުނާޒު ވިދާޅުވީ ޖަލު އޮފިސަރުން މެދުވެރިކޮށް ނޫން އެހެން ބައިވަރު ގޮތްގޮތަށް ޖަލަށް ވެއްދުން މަނާ ތަކެތި ވައްދާ ކަން ހޯދިފައިވާ ކަމަށެވެ. އެކަންތައް ހުއްޓުވަން އަޅަން ޖެހޭ ބައެއް ފިޔަވަޅުތައް މިހާރު ވެސް އަޅާފައިވާނެ ކަމަށާއި ދެން ހުރި ފިޔަވަޅުތައް އެޅޭނީ އެކަމަށް ބޭނުންވާ އާލާތްތައް ލިބިގެން ކަމަށް މުނާޒު ވިދާޅުވި އެވެ.
"އަރައިގެން ހުންނަ ފައިވާނުގެ ތެރެއަށް އެބަ ލާ. ހަށިގަނޑު ތެރޭގައި ރައްކާކޮށްގެން އެބަ ގެންދޭ... އެކި ތަންތަނަށް އެކި ބޭނުންތަކުގައި ޖަލުން ނެރެގެން ގެނެސް، ދެން ގެންދާ މީހުންނަށް އެއްޗެހި ލިބެނީ ކޮން ގޮތްތަކަކުން ތޯ ބަލަން އެ މައުލޫމާތު ވެސް އަޅުގަނޑުމެން ވާނީ ސާފުކޮށްފައި،" މުނާޒު ވިދާޅުވި އެވެ.
މުނާޒް ވިދާޅުވީ ކުރީ ސަރުކާރުން އެ މައްސަލަތައް ހައްލުކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިނަމަ މިއަދު މިހާ ހިސާބަށް ކަންކަން ނުދާނެ ކަމަށެވެ.
"ގަބޫލު ކުރައްވާނަންތޯ މާފުށީ ޖަލުގައި ވަށާ ފާރެއް އަޅުގަނޑުމެން އައި އިރަކު ނެތް. އަތިރިމައްޗަށް ކައިރިކޮށްލާފައި ވަންނަންވީ ޖަލު ތެރެއަށް. މިހާރަކު ނުވާނެ އެހެނެއް." މުނާޒު ވިދާޅުވި އެވެ.
ކުރިން މާފުށީ ޖަލުގެ ވަށާ ފާރެއް ނެތް ކަމަށާއި މިހާރު ފާރެއް ހުރި ކަމަށް ވިދާޅުވި ނަމަވެސް، ޖަލަށް ވެއްދުން މަނާ ތަކެތި ޖަލުގައި މިހާރު ވެސް ގެންގުޅޭކަން މުނާޒުގެ ވާހަކައިން ހާމަވެ އެވެ.
މުނާޒު ވިދާޅުވީ ނިމިދިޔަ އަހަރުގައި މަސައްކަތް ކުރީ، ކުރީ ސަރުކާރުން ދީފައި އޮތް ބަޖެޓަކުން ކަމަށާއި އެ ބަޖެޓުގައި ގައިދީން ރީހެބިލިޓޭޓް ކުރުމަށާއި ގޮޅިތައް އިތުރުކުރުން ފަދަ ކަންކަން ހިމަނާފައި ނުވާ ކަމަށެވެ.
މިއަހަރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން މާފުށީ ޖަލުގެ ޕެރިމީޓާ ސެކިއުރިޓީ ވޯލްއެއް އެޅުމާއި، މާފުށީ ޖަލު އަޕްގްރޭޑް ކުރުމުގެ އިތުރުން މާފުށީ ޖަލުގައި އިމަޖެންސީ މެޑިކަލް ޕޯސްޓަކާއި ކުރައިސިސް ކެއާ ހޭންޑްލިންގް ޔުނިޓެއް ގާއިމު ކުރަން ވަނީ ހިމަނައިފައެވެ.
ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގެ ރިމާންޑު ޔުނިޓެއްގައި ހަމަނުޖެހުން ހިންގަމުންދާއިރު، އެ ޔުނިޓުގައި ތިބި ކުށްވެރިންގެ މައިގަނޑު ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުން ދިއުމާއި ބޭސް ފަރުވާގެ އިންތިޒާމުތައް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުމެވެ.