ޖަލުގައި ރޭ މީހަކު ހޭނުނެތޭ، ކުޅުނީ ފިލްމެއް: ކަރެކްޝަންސް

ރޭ ޖަލުގައި ހޭނެތުނު ކަމަށް ބުނާ މީހާ ގޮޅިން ނެރެގެން ގެންދާ ވީޑިއޯގެ ސްކްރީންޝޮޓެއް --

ރޭ މާފުށީ ޖަލުގައި މީހަކު ހޭނެތުނު ކަމަށް ބުނެ ދައުރުވަމުން އަންނަ ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވީ ޖަލު ގޮޅިއެއްގެ ތެރޭގައި މީހަކު ހޭނެތިފައި އޮތް ކަމަށް ބުނެ ދައުރުކުރަމުން އަންނަ ވީޑިއޯ އަކީ ގޮޅީގައި ތިބި ބަޔަކު، ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ އަށިގަނޑަކަށް ލައިގެން ގޮޅިއަކުން މީހަކު ނެރެގެން ގެންދާތަނެވެ.

މުނާޒް ވިދާޅުވީ ގޮޅީގައި ތިބި މީހުން ދައްކަން ބޭނުންވީ ގައިދީއަކު ހޭނެތިފައި އޮތް ތަން ކަމަށާއި، އެމީހުން ވީޑިއޯ ކުރީ އެ މަންޒަރު ކަމަށެވެ.

"އެވެސް އެތަނުގެ ތެރެއަށް ވައްދާފައި އޮތް ފޯނެއް ބޭނުންކޮށްގެން ހަމަ ގޮޅީގަ ތިބި ކުދިންކޮޅެއް ކުޅެފައި އޮތް ފިލްމެއް. އެކުދިން އެ ދެއްކީ މީހަކު ހޭނެތިގެން ދިޔަ މަންޒަރު. އަޅުގަނޑުމެން ވީޑިއޯކޮށްފައި ހުންނާނެ ހޭނެތިގެން ކަމަށް ހަދައިގެން އުޅުނު ކުއްޖާ ބޭރަށް ނެރުނީމަ ދެން އޭނާ އުޅުނު ގޮތް. އެހެންވީމަ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުމެން އެ ވީޑިއޯ ދޭނަން. ދެކޮޅު ފެނުނީމަ މީގެ ހަގީގަތް އެނގޭނީ،" މުނާޒް ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ މިހާރު އެއްވެސް ޕްރިޒަން އޮފިސަރަކު ވީޑިއޯ ކެމެރާ ނުލައި ގައިދީން ކައިރިއަށް ނުދާނެ ކަމަށެވެ. އެ ހުރިހާ ވީޑިއޯއެއް ވެސް ކަރެކްޝަންސްގައި ހުންނާނެ ކަމަށާއި، އެ ވީޑިއޯތައް މީޑިއާ އާ ހިއްސާ ނުކުރެވުނު ނަމަވެސް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހު މާފުށީ ޖަލުގައި ބަންދުގައި ތިބި ބަޔަކު ކުޑަ ކަކޫ ޖައްސާފައި ތިބި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ދައުރުވިއެވެ. މުނާޒް ވިދާޅުވީ އެއީ ވެސް ސިއްރުން ޖަލަށް ވައްދާފައިވާ ފޯނަކުން ގައިދީއަކު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯވެސް ދައުރުކޮށްފައި ވަނީ މައުލޫމާތު އޮޅުވާލައިގެން ކަން ފާހަގަ ކުރައްވައި މުނާޒް ވަނީ އެކަން ހިނގައިދިޔަ ގޮތް ވެސް ތަފްސީލްކޮށްދެއްވައިފައެވެ.

ރިމާންޑު ގޮޅިއެއްގައި ތިބި ބަޔަކު ޖަލު އޮފިސަރުން ގަޔަށް ލޮނުމިރުސް ފެނާއި އެހެނިހެން އެއްޗެހި ޖަހަމުން ގެންދިއުމުގެ ސަބަބުން، އެތަކެތި ނެރެން އޮފިސަރުން ކުރި މަސައްކަތަށް ހުރަސް އެޅުމުން އޮފިސަރުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ.

މުނާޒް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ ޕެޕާ ސްޕްރޭ ޖެހުމަށްފަހު އެމީހުންނަށް "އާފްޓާ ކެއާ" ދޭ މަންޒަރު ކަމަށެވެ.

މުނާޒް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ޖަލަށް ވައްދާފައިވާ 277 ފޯނު ހޯދާފައިވާ ކަމަށާއި، ޖަލަށް ފޯނު ވައްދާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް