ޖަލުތައް ހަމައަކަށް އެޅިއްޖެ، ގައިދީން ބަސް އަހައިފި: މުނާޒް

ޖެނުއަރީ 8، 2020: މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާ ތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖަލުތަކުގައި ހިންގަމުން އަންނަ ހަމަނުޖެހުންތައް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ހަމަނުޖެހުން ހިންގަމުން އަންނަ ބަންދު މީހުން ބަސް އަހާފައިވާކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުނާޒް ވަނީ ޖަލުތަކުގައި ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބު ހާމަކޮށްދެއްވައިފަ އެވެ.

މުނާޒް ވިދާޅުވީ މައްސަލަ ފެށުނީ ޖެނުއަރީ ތިން ވަނަ ދުވަހުގެ ހެނދުނު ރިމާންޑް ބަންދުގައި ތިބި ބަޔަކު، ޖަލު އޮފިސަރަކާއި ނަރުހެއްގެ ގަޔަށް ލޮނުމިރުސް ފެން ޖެހި ހިސާބުން ކަމަށެވެ.

އެހިސާބުން ފެށިގެން، އެ ގޮޅީގައި ތިބި މީހުން ޖަލު އޮފިސަރުންގެ މޫނަށާއި ގަޔަށް އެކި ކަހަލަ އެއްޗެހި ޖަހަމުން ގެންދިޔަ ކަމަށް މުނާޒު ވިދާޅުވި އެވެ. އަދި މައްސަލަ ބޮޑުވީ، އެހެން ގޮޅިތަކުގައި ތިބި މީހުން ވެސް އެމީހުންނާ ބައިވެރިވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުނާޒު ވިދާޅުވި ގޮތުގައި، އެހިސާބުން ފެށިގެން އެމީހުން ކުއްލިއަކަށް ހަމަނުޖެހުން ހިންގަން ފެށި ސަބަބު ދެނެގަތުމަށް މަސައްކަތް ފެށުނެވެ. ހެނދުނު ސައި ގަޑީގައި އެމީހުންނަށް ލޮނު މިރުސް ނޯންނާނެ ކަމަށާއި، އެހެންކަމުން ގޮޅިތަކަށް ލޮނުމިރުސް ވައްދާފައި ވަނީ އޭގެ ކުރިން ކަމަށާއި، އެއީ ދުރާލާ ރާވައިގެން ފެށި ކަމެއް ކަމަށް މުނާޒް ވިދާޅުވި އެވެ.

އެހެންކަމުން އެ އެއްޗެހި އަތުލަން މަސައްކަތް ނުކޮށް، އެންމެ ފުރަތަމަ ވެސް ބެލީ ބަންދު މީހުން ކުއްލިއަކަށް ހަމަނުޖެހުން ހިންގަން ފެށީ ޖަލު އޮފިސަރުންގެ ފަރާތުން ކަމެއް ހިނގުމުގެ ސަބަބުންތޯ އެވެ.

"އެގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިކަން ފެށުނީ ކީއްވެގެންތޯ ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އޮފިސަރުންގެ ފަރާތުން އިތުރުކަމެއް ހިނގައި ގެނެއް ނޫނޭ މި އުޅެނީކީ. ހަމަ ކުއްލިއަކަށް ކޮންމެސް ކަމަކާ ގުޅިގެން ކަމެއް ކުރަން ބޭނުންވެގެން ކަމެއް ފަށައިގެން އުޅެނީ ކަން. އެހެންވީމަ އަޅުގަނޑުމެން އަޑުއަހަން ބޭނުންވީ ކޮބައިތޯ ބަންދު މީހުންގެ ޝަކުވާތަކަކީ، ކީއްވެގެންތޯ އެކަން ފަށައިގެން މި އުޅެނީ،" މުނާޒް ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން ބަންދުގައި ތިބި މީހުންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވުނީ ދެ ޝަކުވާއެއް ކަމަށެވެ. އެއީ ބޭސްފަރުވާ ކޮށްދިނުމުގައި ލަސްވާ މައްސަލަ އާއި ހުކުމެއް ނައިސް ގިނަ ދުވަސް ވަންދެން ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ޝަކުވާ ކަމަށެވެ.

އެހެންކަމުން ދެވަނަ ފިޔަވަޅެއްގެ ގޮތުން ބޭސްފަރުވާ ކުރުމުގެ ކަންކަން ކުރިއަށް ވުރެ ރަނގަޅަށް ހިނގަމުން ދާކަމާއި އަދި ހުކުމެއް ނައިސް ޖަލުގައި ތިބި މީހުންގެ ކަންކަން އަވަސްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ކަންކަން ހައްލުކުރުމުގައި ކަރެކްޝަންސް އަށް ހުރި ގޮންޖެހުންތައް ބަންދުގައި ތިބި މީހުންނަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ ޖަލުތަކުގައި ޑޮކްޓަރުންނާ ނަރުހުން ތިބޭނެ ކަމަށާއި، މިހާރު ގައިދީއަކު ބަލިވެއްޖެނަމަ ޖަލުގައި ފަރުވާދެވޭނެ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވަނީ ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭ ހިސާބުން ކަމަށާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުން ލަސްވުމަކީ މުޅި ގައުމަށް ދިމާވެފައިވާ މައްސަލައެއްކަން މުނާޒް ފާހަގަ ކުރެއްވި އެވެ.

"ސްޕެޝަލިސްޓުންނަށް ދައްކަން ދަތިތަކެއް އެބަ ދިމާވޭ. އެއީ ހަމަ އާންމު ރައްޔިތު މީހާއަށް، މިނިވަންކަމާ އެކީ އުޅޭ މީހާއަށް ވެސް ދިމާވާ މައްސަލަ. ސްޕެޝަލިސްޓަކަށް ނަން ނޯޓުކުރީމާ ބައެއް ފަހަރު ވަރަށް ދިގު މުއްދަތެއް އެބަ ފާއިތުވޭ ނަންބަރެއް ނުލިބި. އެއީ ޖަލުތަކުގައިވެސް ދިމާވާ މައްސަލަ. އެހެންވީމާ ޖަލުގައި ގޮޅިއެއްގައި ބަންދުވެފައި އިންނަ މީހަކަށް ނޭނގޭނެ އަޅުގަނޑުމެން ކުރާ މަސައްކަތެއް،" މުނާޒް ވިދާޅުވި އެވެ.

އެކަން ހައްލުކުރުމަށް މާފުށީ ހެލްތު ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތްކޮށް، މިހާރު މާފުށީގައި ވެސް ބައެއް ބަލިބަލީގެ ސްޕެޝަލިސްޓް ޑޮކްޓަރުން ތިބޭނެ ކަމަށާއި އަދި އައިޖީއެމްއެޗް އާއެކު ކުރެވުނު މަސައްކަތުން ކޮންމެ ދުވަހަކު ސްޕެޝަލިސްޓުން ބަލާ ބަލިމީހުންގެ ތެރެއިން އެއް ޓޯކަން ނަމްބަރު ކަރެކްޝަންސް އަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.

މުނާޒް ވިދާޅުވީ މިހާރު ގައިދީންނާއި ބަންދު މީހުންގެ ބޭސްފަރުވާގެ ކަންކަމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެކަން މިހާރު ބަންދުގައި ތިބި މީހުންނަށް ވިސްނައިދީ ބުނެދީފައިވާ ކަމަށާއި، އެމީހުން ބަސް އަހާފައިވާ ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލުގައި ހަމަނުޖެހުން ފެށީ އެއް ގޮޅިންނެވެ. ނަމަވެސް ފަހުން އެހެން ގޮޅިތަކުގެ މީހުން ވެސް އެކަމުގައި ބައިވެރިވި ކަމަށާއި، އެންމެ ފަހުން މާލޭ ޖަލުގައި ތިބި މީހުން ވެސް އެކަމުގައި ބައިވެރިވެ ހަމަނުޖެހުން ހިންގި ކަމަށެވެ.

އިއްޔެ މާލޭ ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި ގޮޅިއެއްގެ ތެރޭގައި އޮތް ބެޑްޝީޓެއްގައި ރޯކޮށްލުމަށްފަހު ގޮޅިން ބޭރަށް ވަނީ އެއްލާލައިފަ އެވެ. މުނާޒް ވިދާޅުވީ މާލޭ ޖަލުގައި ތިބި މީހުންނަށް ވެސް އަސްލު ވެގެން އުޅެނީ ކީއް ކަމެއް ނޭނގޭ ކަމަށާއި، މާފުށީ ޖަލުގައި ކަމެއް ހިނގާތީ އެކަމުގައި ބައިވެރިވާން ހަމަނުޖެހުން ހިންގީ ކަމަށެވެ.

"އެހެންވީމާ، ވިސްނައިދީގެން ނަސޭހަތް ދީގެން އެމީހުން ވެސް މިހާރު މަޑުމަޑުން ބަސް އަހައިގެން އެ ތިބީ. ދެތިން ހަތަރު ދުވަހަށް އެކަން ދިގުލައިގެން ދިޔައީ، ނަސޭހަތް ދީގެން ބުނެދީގެން ކަންކަން ކުރަންވެގެން. ގާނޫނީ ބާރު ލިބިފައި އޮތް ނަމަވެސް ބާރުގެ ބޭނުން ކުރުމަކީ ކޮންމެހެން ކުރަން ޖެހިގެން ނޫނީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" މުނާޒް ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ މިހާރު ޖަލުތަކުގެ ހާލަތު ހަމައަކަށް އެޅިފައިވާ ކަމަށާއި ވޭތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ޖަލުތަކުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގި ގޮޅިން އޮފިސަރުންގެ ގަޔަށް އުކަމުން ދިޔަ އެއްޗެހިތައް ނެރުމަށް އޮފިސަރުން މަސައްކަތް ކުރުމުން ގޮޅީގައި ތިބި މީހުން އެކަމަށް ހުރަސް އެޅުމުން ޖަލުގައި ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފަ އެވެ.

comment ކޮމެންޓް