ރަސްފަންނުގައި ކެފޭތައް ހަދާފައި ހުރި ޕެވިލިއަން ހުސްކުރަން އެމްޑަބްލިއުއެސްސީއިން އެންގުމުން އެތަނުގައި ކެފޭތައް ހިންގަމުން އައި ފަރާތްތަކުން އެތަން ހުސްކޮށްފި އެވެ.
ޕެވީލިއަން ބަންދުކުރަނީ ކީއްވެގެން ކަމެއް އެމްޑަބްލިއުއެސްސީ އިން އަދި ނުބުނެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "ސަން"އަށް މިއަދު ވިދާޅުވީ ލީގަލް ޕްރޮސެސް އެއް ކުރިއަށްދާތީ އިތުރު އެއްވެސް އެއްޗެއް އަދި ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަސްފަންނު ތަރައްގީ ކުރިއިރު މޫދުގައި އެޅި ޕެވީލިއަންގައި ނަން މަޝްހޫރު ރެސްޓޯރެންޓުތައް ހިންގި އެވެ. ޗިކިންސް، ގްލޯރިއާޖީންސް އަދި މޯޓީ މަހަލް ކިޔާ އިންޑިއާ ރެސްޓޯރަންޓެއް ވެސް ހިންގި ޕެވީލިއަންގައި ހިންގަމުންދިޔަ މި ހުރިހާ ރެސްޓޯރެންޓެއް މިދިޔަ ނޮވެމްބަރުން ފެށިގެން ހުންނަނީ ބަންދުކޮށްފަ އެވެ.
އެތަން ތަރައްގީކުރީ ދުނިޔޭގެ ނަން މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓުތައް ހިންގުމަށް އަމާޒުކޮށްގެން ނަމަވެސް ކުރިން އިއުލާނުކުރި ގިނަ ބްރޭންޑުތައް ގެނެސްފައެއް ނުވެ އެވެ.
ރަސްފަންނު ޕެވީލިއަން ހުސްކުރަން އަންގާފައިވާއިރު އެތަން ވަނީ ވަރަށް ބޮޑަށް މިހާރު ހަލާކުވާން ފަށައިފަ އެވެ. ޕެވީލިއަން އަށް އަރަން ހަދާފައިވާ އޯވާހެޑް ބްރިޖުވެސް މެއިންޓެއިން ނުކުރާތީ ހަލާކުވާން ކައިރިވެފައިވާއިރު، ޕެވިލިއަންގެ އެކި ތަންތަން ވެސް ވަނީ ހަލާކުވެފަ އެވެ.
އެތަން ހެދުމަށް ހޭދަވީ ކިހާ ފައިސާއެއް ކަމެއް މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ އެކުންފުނީގެ އޮޑިޓު މިހާރު ކުރިއަށްދާތީ ޕެވީލިއަން އަށް ހޭދަވީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށާއި އޮޑިޓް ނިމުމުން އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.