ކަރެކްޝަންސްގެ ވެލްފެއާ ފިހާރައިގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލައިފި

ކަރެކްޝަންސްގެ ވެލްފެއާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި --

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޯޕަރޭޓިވް ސޮސައިޓީއިން ހިންގާ ފިހާރައިގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލައިފި އެވެ.

ކަރެކްޝަންސްގެ ވެލްފެއާ ފިހާރަ އަކީ މާލޭ ޖަލުގައި ބައިތިއްބާފައި ތިބޭ މީހުންނާއި، ޖަލު އޮފިސަރުންނާއި އާންމުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ހަދާފައި ހުންނަ ތަނެކެވެ. އެ ފިހާރަ ހުންނަނީ އައިމިނާ ރަނި ހިނގުމުގަ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ވަނީ ތަޅާލައިފަ އެވެ. ތަޅާލި ބިއްލޫރިގަނޑުގެ ބަދަލުގައި ފިލައެއް ޖަހާފައި ހުއްޓާ ރޭގެ ވަގުތެއްގައި ބާކީ ހުރި ބިއްލޫރިގަނޑުވެސް ބަޔަކު ވަނީ ތަޅާލާފައެވެ. މިހާރު ވެލްފެއާ ފިހާރައިގެ ބޭރުގައި މުޅިންވެސް ޖަހާފައި ހުރީ ފިލައެވެ.

ކަރެކްޝަންސްގެ ވެލްފެއާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލިކަން އެ ސާވިސްއިން ކަށަވަރުކޮށްދެއެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ކަރެކްޝަންސްގެ ވެލްފެއާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމުން އެ ފިހާރައިގައި ފިލާ ޖަހާފައި -- ސަން ފޮޓޯ

އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ އިރު، ކަރެކްޝަަންސްއިން ބަލަހައްޓާ މާފުށީ ޖަލުގައި މި ހަފްތާގެ ތެރޭގައިި ވަނީ ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އަދި ގައިދީންނަށް އަނިޔާ ކުރިކަމުގެ ތުހުމަތުވެސް ކަރެކްޝަންސްގެ މައްޗަށް ކުރި އެވެ. އެކަމަކު، އެކަން އެ ސާވިސްއިން ދޮގު ކުރެއެވެ.

އޭގެ އިތުރުން ކަރެކްޝަންސްއިން ބަލަހައްޓާ މާލޭ ޖަލުގައި ބައިތިއްބާ ރިމާންޑު މީހުންނަށް އަދާ ކުރަން ޖެހޭ ހައްގުތައް އަދާ ނުކުރާ ކަމަށް ބުނެ އެ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށްވެސް ވަނީ އަޑުފެތުރިފައެވެ. އެކަމާ ގުޅިގެން ކަރެކްޝަންސްއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް