ބޮބް ޑިލަންގެ ބަޔޯޕިކް އަށް ޓިމޮތީ

މިއުޒިކް ލެޖެންޑެއް ކަމަށްވާ ބޮބް ޑިލަންގެ ހަޔާތަށް ބިނާކޮށް ތައްޔާރުކުރާ ބަޔޯޕިކްގެ ލީޑް ރޯލަށް ޓިމޮތީ ޝޭމަލޭ ހަމަޖައްސައިފި އެވެ.

ބޮބް ޑިލަންގެ ރޯލުން ޓިމޮތީ ފެނިގެންދާ ބަޔޯޕިކްގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ފިލްމުގެ ޑައިރެކްޓަރަކީ ޖޭމްސް މެންގޯލްޑް އެވެ. އޭނާއަކީ ދާދި ފަހުން ނެރުނު ހިޓް ފިލްމު "ފޯޑް ވާސަސް ފެރާރީ"ގެ ޑައިރެކްޓަރެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ބަޔޯޕިކް ކުރިއަށްދާނީ އެލައިޖާ ވޯލްޑް ލިޔެފައިވާ "ބޮބް ގޯސް އިލެކްޓްރިކް" އާ އެއްގޮތަށެވެ. އެގޮތުން އެ ބަޔޯޕިކް ފިލްމުން ފެނިގެންދާނީ ބޮބް ޑިލަންގެ ލަވަކިޔުމުގެ ޜާންރާ އަށް ބަދަލު ގެނައި ގޮތަށެވެ. އެގޮތުން ފޯކް ލަވަކިޔުންތެރިޔާ ބޮބް ޑިލަން މަޝްހޫރު ވެގެން ދިޔައީ ރޮކް މިއުޒިކް އުފައްދަން ފެށުމުންނެވެ. ބަޔޯޕިކްގައި ފެނިގެންދާނީ އެ ދަތުރެވެ.

ފޮކްސް ސާޗްލައިޓް ޕްރޮޑަކްޝަންގެ ދަށުން އެ ފިލްމު ތައްޔާރުކުރާއިރު އެ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރާނީ ޖޭ ކޮކްސް އެވެ.

މަޝްހޫރު ރޮކް ބޭންޑުގައިވެސް ލަވަކިޔާފައިވާ ބޮބް ޑިލަންގެ ބަޔޯޕިކް ނެރޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

މިދުވަސްވަރަކީ މަޝްހޫރު ފަންނާނުންގެ ގިނަ ބަޔޯޕިކްތަކެއް ބޮކްސް އޮފީހަށް ދޫކުރަމުން ދާ ދުވަސްވަރެކެވެ. އެގޮތުން މަޝްހޫރު ބޭންޑު "ކުއީން"ގެ ފްރެޑީ މާކިއުރީގެ ހަޔާތަށް ބިނާކޮށް "ބޮހީމިއަން ރެޕްސޮޑީ"ގެ ނަމުގައި ފިލްމެއް ވަނީ ނެރެފައެވެ. އޭގެ އިތުރުން އެލްޓަން ޖޯންގެ ހަޔާތަށް ބިނާކޮށް "ރޮކެޓްމޭން"ގެ ނަމުގައިވެސް ވަނީ ދާދި ފަހުގައި ބަޔޯޕިކް އެއް ނެރެފައެވެ.

comment ކޮމެންޓް