އަންހެނުން ސިޔާސީ ވަޒީފާތަކަށް ދިއުމުން ވަރި އިތުރަށް ގިނަވެދާނެ: އެމްޕީ ކެލާ އިބުރޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު-- ފޮޓޯ/ މަޖިލިސް

ގިނަ އަދަދެއްގެ އަންހެނުން ސިޔާސީ ވަޒީފާތަކަށް ނިކުތުން ދަރިމައިވުމަށް ހުރަސްއެޅި، ވަރި އިތުރުވާ ސަބަބަކަށް އެކަން ވެދާނެ ކަމަށް ރައްޔިންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (ކެލާ އިބުރޭ) ވިދާޅުވެއްޖެ އެވެ.

މެމްބަރު ކެލާ އިބުރޭ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އޭނާ ސުވާލު އުފެއްދެވީ، ރަށު ކައުންސިލާއި ސިޓީ ކައުންސިލުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާއި ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުރާ ގޮތަށް ހެދުމަކީ އާބާދީ އިތުރުވުމަށް އެޅޭނެ ހުރަހަކަށް ނުވާނެތޯ އެވެ.

މިފަހުން ލާމަރުޒަކީ ގާނުނަށް ގެނައި އިސްލާހުތަކުގައިވާ ގޮތުގައި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުރާނެ އެވެ.

އެ ވާހަކަތަކާ ގުޅިގެން "ސަން"އިން އެ މެންބަރާ ގުޅުމުން ވިދާޅުވީ އޭނާ ދެއްކި ވާހަކަތަކަކީ މީގެ ކުރިން އެކި ފަރާތްތަކުން ހަދާފައި ހުރި ހޯދުންތަކާއި ދިރާސާތަކުގެ މައްޗަށް ބިނާ ކުރެއްވި ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އަންހެނުން މާ ގިނައިން ސިޔާސީ ވަޒީފާތަކަށް ނުކުތުމަކީ، ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހީނަރުވުމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނިކުންނާނެ އެތައް މައްސަލަތަކެއް ހުންނާނެ ކަމަށް ވިދާޅުވެ އެ ވާހަކަތަކުގެ އިތުރު ތަފްސީލަށް މެންބަރު ވަޑައިގެންނެވި އެވެ.

"އަސްލު މިހެން މިދަންނަވާ ސަބަބަކީ މިހާ ގިނަ އަދަދެއްގެ އަންހެނުންނަށް ސިޔާސީ ވަޒީފާތަކެއް ދިނީމަ، "މޭޓް" ކުރަން (ދެމަފިރިކަމުގެ ގުޅުން ހިންގަން) ހުރަސްތަކެއް އެޅެނީ... ދެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވަންޏާ، ކުދިން ހޯދަން ބުރޫ އަރާނެ." ކެލާ އިބުރޭ ވިދާޅުވި އެވެ.

އާބާދީ އިތުރުވާން ހުރަސް އެޅުމުގެ އިތުރުން ރާއްޖޭގައި މިހާރަށް ވުރެ ވަރި ގިނަވުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމަކީ ރާއްޖޭގައި އިތުރަށް ދިރާސާކޮށް އެ މައްސަލަތަކަށް އެޑްރެސް ކުރަން ޖެހޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔޫރަޕްގައި ކަން ހިނގާ މަގުން ރާއްޖޭގައި ހުރިހާ ކަމެއް ހިނގާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

"ރާއްޖޭގެ މި ސޮސައިޓީގައި ބައެއް އަންހެނުން ބުނޭ އަހަރެމެން ބާރުވެރިކުރުވީމާ މާ ރަނގަޅޭ، ފިރިހެނުންނާ ނުލައި ވެސް އަހަރެމެންނަށް އުޅެވޭނޭ. އެކަމަކު މިއީ ސިނާރިއޯސް. ވެދާނެ ކަންތައްތަކެއް. އަހަރެމެން ޖެހޭނީ ރީސާޗެއް ކުރަން. ޔޫރަޕުގައި ހިނގާ ކޮންމެ ކަމެއް ރާއްޖޭގައި ނުހިނގަފާނެ، ރާއްޖޭގައި ހިނގާ ކަމެއް ޔޫރަޕުގައި ނުހިނގަފާނެ. އެހެންވީމާ ސިޔާސީ މީހުންގެ ތެރޭގައި ވަރި ގިނަވެދާނެ،" މެމްބަރު ކެލާ އިބުރޭ ވިދާޅުވި އެވެ.

މެމްބަރު ކެލާ އިބުރޭ ފާހަގަކުރެއްވީ، އަންހެނުން ސިޔާސީ ވަޒީފާތަކަށް ދިއުމުން ދަރިމައިވުމުގެ މައްސަލަ އާއި ވަރި އިތުރުވުމުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހޯއްދެވި ބޭރުގެ ދިރާސާތައް ވެސް އޭނާ "ސަން"އަށް ވަނީ ހިއްސާ ކުރައްވާފަ އެވެ.

މެމްބަރު ކެލާ އިބުރޭ ވިދާޅުވީ މިއީ އެމްޑީޕީގެ ވިސްނުމެއް ނުވަތަ ސަރުކާރުގެ ވިސްނުމެއް ވެސް ނޫން ކަމަށާއި މިއީ އަމިއްލަ ހިޔާލުފުޅެއް ކަމަށެވެ.

ކޮންމެ ކަމަކުން ވެސް ރަނގަޅު ނަތީޖާއަކާއި ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަން ފާހަގަކުރައްވައި ކެލާ އިބުރޭ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވައިގެން މުޖުތަމައަށް ބޭނުން ހިފޭ ދަރިންތަކެއް ބިނާ ކުރުމުގެ ފުރުސަތުވެސް އޮންނަ ކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައީވެސް އެ ވިސްނުމުގައި ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައިވަނީ އަންހެން ކައުންސިލަރުންނަށެވެ.

comment ކޮމެންޓް