ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަބަދު ލުއިކޮށްދެއްވި ކަމަށް ބުނެ، ގައިދީއަކު މިނިވަން ކުރި މައްސަލާގައި ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒުގެ މައްސަލައެއް އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ އެހެން މީހަކަށް އަދަބު ލުއިކޮށްދިނުމަށް އަންގައި ރައީސް އޮފީހުގެ ފަރާތުން ކަރެކްޝަނަލް ސާވިސް އަދި ކަމާބެހޭ ފަރާތްތަކަށް އަންގައި ފޮނުސިޓީގެ ނަމްބަރާއި ހަވާލާދީ އެހެން ގައިދީއެއް މިނިވަން ކޮށްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދޭން އަންގާފައި ނުވާ ގައިދީއެއް ކަމަށްވާ މައުސޫމް މޫސާ، އެދީވިލާ، ލ.ގަން، މިނިވަން ކޮށްފައިވަނީ ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދަން ކަމަށް އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވެ އެވެ.
އެހެންވެ އެމައްސަލަ ތަހުގީގުކޮށްދިނުމަށް އެސިޓީގައި ވަނީ އެދިފަ އެވެ.
މީގެކުރިންވެސް މާފު ނުދޭ ގައިދީން މިނިވަން ކުރި ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފަ އެވެ.
މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގައިދީއަކަށް އަދަބު ލުއިކޮށްދެވޭނީ ނުވަތަ މާފުދެވޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ގައިދީއަކު ހުކުމް ތަންފީޒުކޮށް ނުނިމެނިސް މިނިވަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އަދަބު ލުކޮށްދިނުމުން ނުވަނަ މާފު ދިނުމުންނެވެ.