ސިޓީ ފަސޭހަކަމާ އެކު މޮޅުވި އިރު ޔުނައިޓެޑް އެއްވަރުވެއްޖެ

މެންޗެސްޓާ ސިޓީއާއި ޕޯޓް ވޭލް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// ޑޮމް ފެރެލް

އިނގިރޭސި އެފްއޭ ކަޕުގައި ތިން ވަނަ ބުރުގައި، ރޭ ޕޯޓް ވޭލް އަތުން މެންޗެސްޓާ ސިޓީ ފަސޭހަކަމާ އެކު މޮޅުވި އިރު، އެ ޓީމާއި އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ވުލުވްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 1-4 ގެ ނަަތީޖާއަކުންނެވެ. މި މޮޅާ އެކު ތިންވަނަ ބުރު ފަހަނަ އަޅައި ދިއުމުގެ ފުރުސަތު ސިޓީއަށް ފަހިވި އިރު، އެ ޓީމާއި ޒަމާނުއްސުރެން އެންމެ ވާދަވެރި ޔުނައިޓެޑް، ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ސިޓީއަށް މި ސީޒަނުގައި ލީގު ދެން ނުލިބޭނެކަން ގައިގަނޑަކަށް ޔަގީންވެފައި އޮތް އިރު ސީޒަނުގެ ބާކީ ބައިގައި އެންމެ އިސްކަމެއް ދޭނީ ޗެމްޕިއަންސް ލީގާއި ޑޮމެސްޓިކް ކަޕުތަކަކަށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މީގެ ކުރިން ނުސީދާކޮށް ބުނެފަ އެވެ. އެހެން ނަމަވެސް ރޭގެ މެޗަށް އެ ޓީމުން ނުކުތީ ޒުވާން ސްކޮޑަކާ އެކު އެވެ.

ރޭގެ އެ މެޗު ފެށިގެން ގިނަ ހަމަލާތައް އުފައްދައި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ސިޓީންނެވެ. އެ ޓީމުން މެޗުގައި ޖެހި ފުރަތަމަ ގޯލު 19 ވަނަ މިނަޓުގައި ޖެހި އިރު ގޯލު ކާމިޔާބުކޮށްދިނީ އޮލެކްސެންޑްރާ ޒިންޗެންކޯ އެވެ. އެކަމަކު އޭގެ އިރަކޮޅެއް ފަހުން އިދިކޮޅު ޓީމުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޓޮމް ޕޯޕްގެ ގޯލުން ޕޯޓް ވޭލްއަށް އުންމީދު ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ވަނީ ގޯލެއް ޖަހައި ލީޑު އަނބުރާ ނަގައިފަ އެވެ.

ދެވަނަ ހާފުގައި ސިޓީން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ހާފު ފެށިގެން އަށް ވަނަ މިނަޓުގައި ޓޭލާ ހާވޫޑް ސިޓީއަށް ތިންވަނަ ގޯލު ޖަހައިދިން އިރު ހަތަރު ވަނަ ލަނޑަކީ 76 ވަނަ މިނަޓުގައި ފިލް ފޮޑެން ކާމިޔާބުކޮށްދިން ގޯލެކެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ. އެކަމަކު ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

އެ މެޗުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ސާޖިއޯ ރޮމެރޯގެ މޮޅު ސޭވްތަކެއް ފެނިގެން ދިޔަ އިރު އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން މާކޮސް ރަޝްފޯޑް އެވެ. ރަޝްފޯޑް ފޮނުވާލި ހަމަލާ އިދިކޮޅު ޓީމު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލަށް އޮއްސެން ދިޔަ ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ޔުނައިޓެޑަށް މި މަހަކީ ބާރު ބޮޑު މަހެކެވެ. އެގޮތުން އިނގިރޭސި ލީގު ކަޕުގައި އަންނަ އަންގާރަ ދުވަހު އެ ޓީމު ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު ލީގުގައި ލިވަޕޫލާ ދެކޮޅަށް ވެސް ޔުނައިޓެޑް ނުކުންނަން ޖެހޭނެ އެވެ.

comment ކޮމެންޓް