މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައިފި

މާފުށީ ޖަލު --- ސަން ފޮޓޯ// ފަޔާޒު މޫސާ

މާފުށީ ޖަލުގައި މިއަދު ހަމަނުޖެހުން ހިންގައިފިއެވެ.

އެ ކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "ސަން" އަށް ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރިމީހަކު، އޭނާ ބަހައްޓާފައި ހުރި ގޮޅިން ނެރުނު ވަގުތު، އޭނާ ޖަލު އޮފިސަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ޖަލު އޮފިސަރަކު އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ.

މައްސަލަ ހޫނުވީ އޮފިސަރު ގައިދީ ގައިގައި ޖެހުމުން ކަމަށް މައުލޫމާތު އެނގޭ ފަރާތުން ތުހުމަތު ކުރިއެވެ.

ޖަލުގައި ގައިދީންނަށް ދޭ ބޭސްފަރުވާގެ ޚިދުމަތާ މެދު ހިތްހަމަ ނުޖެހޭތީ މިއަދު ހެނދުނު ގައިދީން އިހުތިޖާޖު ކުރި ކަމަށާއި، އިހުތިޖާޖު ކުރަމުންދިޔަ އިރު އެތަނަށް ޖަލު އޮފިސަރުން ދިޔުމުން އޮފިސަރުންގެ ގަޔަށް ފެންޖަހާ ހެދި ކަމަށާއި ސުޕަވައިޒަރު ޖަޔަށްވެސް ފެން ޖަހާ ހަދާފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މިއަދަކީ ޖަލު ބަންދުގައި ތިބޭ މީހުންނަށް ވިޔަފާރި ކުރުމަށް އޮންނަ ދުވަސް ކަމަށާއި އެމީހުންނަށް ބޭނުންވާ ޒަރޫރީ އެއްޗެހި ގަތުމަށްް އޮންނަ ދުވަހުގައި އެ ފުރުސަތު ނުލިބޭތީ އެ މައްސަލަވެސް ހޫނުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ހަމަނުޖެހުން ހިންގާފައިވަނީ މާފުށީ ޖަލު ޔުނިޓު ހަތަރެއްގައެވެ.

ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ ކަރެކްޝަންސްގެ ބަހެއް އަދި ނުލިބެއެވެ.

މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީ އަކު ވަނީ ޖަލު އޮފިސަރަކަށް ހަމަލާ ދީފައެވެ.

comment ކޮމެންޓް