މެލޭޝިޔާގައި އުސް އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކު މަރުވެއްޖެ

މެލޭޝިޔާގެ ވެރިރަށް، ކުއާލަ ލަމްޕޫރު --

މެލޭޝިއާގެ ވެރިރަށް، ކުއަލަ ލަމްޕޫރުގެ އުސް އިމާރާތަކުން ވެއްޓި ތިން އަހަރުގެ ދިވެހި ކުޑަ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލާދެއްވާ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މެލޭޝިޔާގައި ދިރިއުޅެމުން އަންނަ އާއިލާއެއްގެ އެ ކުއްޖާ ވެއްޓުނީ، އެ މީހުން ދިރިއުޅެމުން ދިޔަ އިމާރާތުގެ 14 ވަނަ ބުރީގެ އެޕާޓްމަންޓުގެ ބެލްކަނިންނެވެ. ތިން އަހަރުގެ އެ ކުއްޖާ ވެއްޓުނީ ބެލްކަންޏަށް ނިކުމެ އުޅެނިކޮށް ބެލްކަނީގެ ތޭރިތަކުގެ ތެރެއިންނެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއިން ބުނި ގޮތުގައި، މަރުވި ކުއްޖާގެ އުމުރާއި ހާދިސާ ހިނގި ގޮތް ދަނީ މިހާރު ސާފުކުރަމުން އެވެ.

އެ ކުއްޖާގެ ހަށިގަނޑު ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. މިދުވަސްވަރަކީ ސުކޫލްތަކުގައި ބޮޑު ޗުއްޓީއަށް ވުމާއި އާ އަހަރުގެ ޗުއްޓީކަމަށް ވުމުން ގިނަ ދިވެހިން މެލޭޝިޔާއަށް ދަތުރުކުރެ އެވެ. އަދި އެކި ބޭނުންތަކުގައި ގިނަ އަދަދަކަށް ދިވެހިން މެލޭޝިޔާގައި ދިރިވެސް އުޅެ އެވެ.

މެލޭޝިޔާގައި ދިވެހި ކުއްޖަކު އިމާރާތަކުން ވެއްޓި މަރުވި އިރު، އެ ގައުމުގައި ދިރިއުޅެމުން އައި ދިވެއްސަކު، އޭނާގެ އެޕާޓްމަންޓްގައި މަރުވެފައި އޮއްވާ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ފެނިފަ އެވެ.

comment ކޮމެންޓް