ކަފިހިހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވި ސައިކަލު ޓޯކޮށްފި

ކަފިހިހުރަހެއްގެ މަތިން ބަޔަކު މަގު ހުރަސް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރުގާން މިސްކިތް ކައިރިން ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވި މައްސަލައިގައި ސައިކަލު ދުއްވަންއިން މީހާ ހޯދަން ފުލުހުން ފަށައިފި އެވެ.

މިރޭ އީޝާ ނަމާދަށް ފަހު ފުރުގާން މިސްކިތް ކައިރީ އެ އެކްސިޑެންޓު ހިނގީ އުމުރުން ދުވަސްވީ މީހަކު ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް އޭނާ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 19:38 އެހާކަންހާއިރު ކަމަށެވެ. އަދި އެ އަނިޔާވީ އުމުރުން 56 އަހަރުގެ މީހަކަށް ކަމަށް ބުންޏެވެ. އަދި އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ގައިގައި ޖެހުނު ސައިކަލު ސީސީޓީވީގެ އެހީގައި ހޯދައި އެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލު ދުއްވަން އިން މީހާ ހޯދަމުންދާ ކަމަށް ބުންޏެވެ.

މަންޒަަރު ދުށް މީހަކު ބުނި ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ މޫނުމަތި ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭ ފޭބިއެވެ.

"އަނގަމައްޗާއި މޫނުމައްޗާއި ތަންތަން ފަޅައިގެން ގޮސް މުޅި ގައިގައި ލޭ އޮތީ. އާންމު ރައްޔިތުންނާއި ފުލުހުންން ނަގައިގެން ޓެކްސީއަކަށް އަރުވައިގެން ގެންދިޔައީ ހޮސްޕިޓަލަށް،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

comment ކޮމެންޓް