މިއަހަރު އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާއެއް ދޭން ފަށައިފިއެވެ.
އެސްޓީއޯގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އުފަންވާ ކޮންމެ ކުއްޖަކަށް ގިފްޓް ހެމްޕާއެއް ދޭން ފެށީ މިއަދު ކަމަށެވެ.
އެ ގިފްޓް ހެމްޕާގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ހަގީޒްގެ ނެޕީ ޕެކެޓަކާއި ހަގީޒްގެ ވެޓް ވައިޕްސް ފައިން ޓިޝޫއާއި ޑެވޮންޑަލް މިލްކް ޕެކެޓެއް ހިމެެނެއެވެ.
އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖެއްގެ ބެލެނިވެރިންނަށް ވައުޗަރެއް ދޭއިރު އެ ވައުޗަރު ހިފައިގެން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯގެ ފާމަސީއަށް ދިއުމުން ހަދިޔާ ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.
އުފަންވާ ކޮންމެ ކުއްޖަކަށް ސަރުކާރުން ދޭން ވައުދުވި ހަދިޔާ މިއަދު ދޭން ފެށިކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރި ނަމަވެސް ސަރުކާރުގެ ވައުދާ އެއްގޮތަށް އަދި އެ ހަދިޔާ ދޭކަށް ނުފަށައެވެ. އަދި އެ ހަދިޔާ ދޭން ފަށާނެ ސީދާ ތާރީހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމަކީ މި ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެކަން އޮތީ މިއަހަރަށް ފަސްކޮށްފައެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮށްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުގެ ވައުދުގައި ވަނީ ބުނެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރައްވައި އިއްވި ރިޔާސީ ބަޔާނުގައި ވެސް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދޭ ވާހަކަ ފާހަގަކުރެއްވި އެވެ. އެއީ ގައުމުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ރައީސް ސޯލިހު އެދުވަހު ވިދާޅުވި އެވެ.