މާފުށީ ފިހާރައަކުން މަސްތުވާތަކެތި އަތުލައިގެންފި

މާފުށީގެ ފިހާރައަކުން އަތުލައިގަތް މަސްތުވާތަކެތި---ފޮޓޯ: ފުލުހުން

ކ. މާފުށީގެ ފިހާރައަކުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ މާފުށީގެ ފުލުހުންނާ ގުޅިިގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފުށީގެ ފިހާރައެއް ބަލާ ފާސްކުރުމުގެ ތެރޭގައިި މަސްތުވާތަކެތި ހުރި 108 ރަބަރު ޕެކެޓާއި އެއް ޖޫސް ޕެޓީ ކޮތަޅު ހޯދައިފައިވާ ކަމަށެވެ.

އެ މައްސަލައިގައި 25 އަހަރުގެ ބިދޭސީ ފިިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ މާފުށިން މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މާސްތުވާތަކެތި އަތުލައިގަނެ އެވެ. ނަމަވެސް އެރަށުގެ ފިހާރައަކުން މަސްތުވާތަކެތި އަތުލައިގަތުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ފިހާރައިން މަސްތުވާތަކެތި އަތުލައިގެންއިރު އެއީ އެ ފިހާރައިގައި ވިއްކަމުން ދިޔަ އެއްޗެއް ކަމެއް ނޫނީ އެ ފިހާރައިގައި މުވައްޒަފެއްގެ އަތުގައި ހުރި އެއްޗެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް ނުދެ އެވެ.

އެގޮތުން މި ހަފްތާ ތެރޭގައި ފުލުހުން ވަނީ މާފުށީގެ ގެއެއް ބަލައި ފާސްކޮށް އެކި ބްރޭންޑުތަކުގެ 42 ފުޅި ބަނގުރަލާއި 203 ދަޅު ބިޔަރު ހޯދައިފަ އެވެ. އެ މައްސަލައިގައި ވެސް ހައްޔަރު ކުރީ ބިދޭސީ އެކެވެ.

އާ އަހަރާ ދިމާކޮށް އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި މަސްތުވާތަކެއްޗާއި ރާ އަތުލައިގަތުމަށް ފުލުހުން މިހާރު ދަނީ ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ. އެގޮތުން ރޭވެސް މާލޭގެ މަގެއްގެ މަތިން ދަބަހަކަށް ލައިގެން އުޅުނު ރާފުޅިތަކެއް ފުލުހުން ވަނީ އަތުލައިގެންފައެވެ.

comment ކޮމެންޓް