2019ގައި ރާއްޖެ އައީ 1.67 މިލިއަން ފަތުރުވެރިން

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު --- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

މިދިޔަ އަހަރު ނިމުނު އިރު 1.67 ފަތުރުވެރިން ރާއްޖެ އައި ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފި އެވެ.

މިދިޔަ އަހަރު ރާއްޖެ ގެންނަން އަމާޒު ހިފީ، 1.5 މިލިއަން ޓޫރިސްޓުންނެވެ.

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ ގެންނަން ކަނޑައެޅި ޓާގެޓް ކަމަށްވާ 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓް އަހަރު ނިމުމުގެ 38 ދުވަސް ކުރިން ހާސިލްވި ކަމަށެވެ. މިއީ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޔެގެ ނިޔަލަށް 1.67 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފަ،" ތޮއްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް 2019 ވަނަ އަހަރު ކުރި މަސައްކަތުގެ ނަތީޖާ މިއަހަރު ވަރަށް ބޮޑަށް ފެންނާނެ އެވެ. އަދި މިއަހަރު އެ މަސައްކަތް އިތުރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުވެސް މި އުއްމީދުކުރަނީ ވީހާވެސް ރަނގަޅު ކާމިޔާބެއް ލިބޭނެކަމަށް،" ތޮއްޔިބު ވިދާޅުވި އެވެ.

މިއަހަރު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ ބަހްރެއިން އަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ މުހައްމަދު ޖާސިމް ހަލީލް އަލާމާ ބަހްރެއިނީ އަދި އޭނާގެ އަންހެނުން ސާރާ ހެޝާމް އަހްމަދު އަލީ އަލް ޖާސިމް އެވެ. މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ގަލްފް އެއާ އިންނެވެ.

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ބަހްރެއިން މާކެޓަށް އިޝާރާތް ކުރައްވާ ތޮއްޔިބު ވިދާޅުވީ އެ މާކެޓަކީ ރާއްޖެ އަންނަ ފަތުރުވެރިން މަދު ނަމަވެސް މުހިއްމު މާކެޓެއް ކަމަށެވެ. އެގޮތުން އެ މާކެޓުން އަންނަ މީހުންނަކީ ރާއްޖެ އައިސް ބޮޑު ހަރަދު ކުރާ ބަޔެއް ކަމަށް ވިދާޅުވި އެވެ.

"ރަނަގޅު ލީޑެއް ނެރެވޭ މާކެޓެއް އެއީ،" އަރަބި ގައުމުތަކުން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ވޯގް އަރަބިއާ އާ ގުޅިގެން މި މަހު ސަޕްލިމެންޓެއް ނެރޭނެކަން ފާހަގަ ކުރައްވަމުން ތޮއްޔިބު ވިދާޅުވި އެވެ.

މީގެ އިތުރުން ރަޝިޔާ މާކެޓުން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ވެސް މިއަހަރު މަސައްކަތް ކުރާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ހައިލެވަލް ޑެލިގޭޝަނެއް ރަޝިޔާއަށް ގޮސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް އަމަލު ކުރަން ފަށާ މިއަަހަރަކީ 2019 ވަނަ އަހަރަށް ވުރެ ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަގީގަތުގައި މިތިބީ 2020 އާއި 2021 އާ ދޭތެރޭ ނުވަތަ 2021 ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ގެންނަން ޓާގެޓު ކޮށްގެން. ހަގީގަތުގައި މި އަހަރު އަޅުގަނޑުމެންނަށް އެއްވެސް ޕްރެޝަރެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވިޒިޓް މޯލްޑިވްސްގެ ޝޯތައް މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރިސޯޓްތަކުގެ އިތުރަށް ވެސް ވަކިވަކި ރަށްރަށްރަށަކީ ވެސް ޑެސްޓިނޭޝަންގެ ގޮތުގައި ޕްރޮމޯޓް ކުރަން ޖެހޭ ތަންތަން ކަމަށެވެ. އެ ރަށްރަށަށް ނިސްބަތްވާ ހުނަރުވެރިންނާއި އެ މީހުންގެ މަސައްކަތް ދައްކާލަން ޕްލެޓްފޯމެއްގެ ފުރުސަތު ފަހިވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް