އިންވެސްޓަރުންނެކޭ އެއްގޮތަށް ރިސޯޓް މުވައްޒަފުންގެ ހައްގުވެސް ހިމާޔަތް ކުރާނަން: އަލި ވަހީދު

ވެލާ ރިސޯޓުގެ މުވައްޒަފުން ހިދުމަތުގައި-- ފޮޓޯ/ ވެލާ ރިސޯޓް

ޓޫރިޒަމް ސިނާއަތުގައި އިންވެސްޓުކޮށްގެން ތިބި އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރާފަދައިން އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައްވެސް ހިމާޔަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ރިސޯޓް މުވައްޒަފުންގެ ހައްގުތަކަށް އިހުމާލު ނުވާނެ ކަމަށެވެ. އަދި ބައެއް ރިސޯޓްތަކުން މުވައްޒަފުންނާ މެދު ގެންގުޅޭ އުސޫލުތަކާ މެދު މައްސަލަ ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިފަހުން ހދ. ހޮނޑާފުށި ރިސޯޓްގެ ވަޒީފާއިން ވަކިކުރި މުވައްޒަފާ ވެސް ބައްދަލުކޮށް، އޭނާގެ ޝަކުވާތައް އަޑުއެއްސެވި ކަމަށް ވިދާޅުވި އެވެ. އަދި އޭނާގެ، ހައްގުގައި ވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިންވެސްޓަރެއްގެ ކޮންފިޑެންސާ އޭނާގެ ޕްރޮޓެކްޝަން އާ އެއްވަރަށް އަޅުގަނޑުމެންގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކޮންފިޑެންސާއި އެމީހުންގެ ޕްރޮޓެކްޝަނަށްވެސް ސަރުކާރު އޮންނާނެ ކަމުގެ ޔަގީންކަން ދެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓެއް މިނިސްޓްރީއިން އިންސްޕެކްޓްކޮށް ހެދި އޮޑިޓުން އެންމެ ބޮޑަށް މައްސަލަ ފާހަގަވެފައިވާ ރިސޯޓްތަކާ މި މަހުގެ ފަސް ވަނަ ދުވަހު ބައްދަލު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި އޮޑިޓުން ފާހަގަވެފައި ހުރި މައްސަލަތައް ހައްލު ނުކުރާ ރިސޯޓްތަކާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"އޮޑިޓް ހެދުމަކީ އަޅުގަނޑުމެން ނަމަކަށް ކުރި ކަމެއް ނޫން. އެކަންކަން އިސްލާހު ކުރަން އަންގާފައި ވާނީ. އަދި އެކަންކަން އިސްލާހު ކުރޭތޯ އަޅުގަނޑުމެން ބަލާނަން. ބުރެބި އިވެންޓްގައި ވެސް އަޅުގަނޑުމެން ބުނެފައި އޮންނާނެ މޭ 1ގެ ކުރިން ގަވާއިދާ އެއްޗިހި ހަދައި މައްސަލަތައް ހައްލު ކުރާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ގިނަ ރިސޯޓްތަކުން ސާވިސް ޗާޖް ދެނީ ރަނގަޅަށް ކަމަށް ބުނުމުން މިނިސްޓަރު އަލީ އަށް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ އެ ދުވަހު ދެންނެވުނު ބައެއް ވާހަކަތަކާ މެދު މާފަށް އެދިވަޑައިގެންފައި ވާނެ ކަމަށާއި އެ ވާހަކަތައް ދެއްކެވީ އެއްވެސް ގޮތަކަށް ބައެއް ރިސޯޓްތަކުގައި މައްސަލަ ނެތް ކަމަށް ދެންނެވުމުގެ ގޮތުން ނޫން ކަމަށެވެ. އަދި ހުރިހާ ރިސޯޓެއްގައި ސާވިސް ޗާޖްގެ ކަންކަން ރަނގަޅު ކަމަށް އެއްވެސް އިރެއްގައި ދަންނަވާފައި ނުވާނެ ކަމަށާއި ބައެއް ރިސޯޓްތަކުގައި ސާވިސްޗާޖް ދިނުމާއި އެހެން ކަންކަން ރަނގަޅު ނޫން ކަމަށް އެދުވަހުވެސް ދެންނެވި ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"އެވާހަކަތައް އޮޅުން އަރާނަމަ، އަޅުގަނޑު މި ހުރީ އެ ވާހަކަތައް ސާފުކޮށްދޭން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

comment ކޮމެންޓް