ފުލުހުންނަށް ފެނުމުން ރާ ފުޅިތައް މަގުމައްޗަށް އުކާލައިފި

ރާ ފުޅިތައް ބިންމައްޗަށް ތަޅައިގެން ގޮސްފައި --- ސަން ފޮޓޯ

އާ އަހަރާ ދިމާކޮށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ބަޔަކު ރާފުޅިތަކެއް ގެންގުޅޭތަން ފުލުހުން ފެނުމުން އެ ރާ ފުޅިތައް މަގުމައްޗަށް އުކާލާއިފި އެވެ.

ފުލުހުން ބުނީ، އެ މުއައްސަސާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މިރޭ 7:22 އެހާކަންހާރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން މާފަންނު ގެއެއް ބަލައި ފާސްކުރަން އެގެއަށް ވަތްތަނުން، އެ ގޭގެ ބެލްކަނީގައި ހުރި މީހެއް ބަނގުރާ ފުޅިތަކެއް މަގުމައްޗަށް އުކާލާފައިވާ ކަމަށެވެ.

މަންޒަރުދުށް މީހުން ބުނީ، ފުލުހުން ބަލާ ފާސްކުރީ، ފެހި ވިނަގެ ކަމަށެވެ. އަދި ފުލުހުން އައިތަން ފެނުމުން ރާ ފުޅިތަކެއް އަޅާފައި ހުރި ދަބަސް މަގުމަށްޗަށް އެއްލައިލި ކަމަށް މަންޒަރުދުށް މީހަކު ބުންޏެވެ.

މަންޒަރު ދުށް މީހަކު ބުނީ، އެ ދަބަސް މަގުމައްޗަށް އެއްލުމުން އޭގައި ހުރި ފުޅިތައް މަގުމައްޗަށް ތަޅައިގެން ދިޔަ ކަމަށެވެ.

ފުލުހުން ބަލާ ފާސް ކުރި މ. ފެހި ވިނަ --- ސަން ފޮޓޯ

"ސަން"ގެ ނޫސްވެރިން އެ ސަރަހައްދަ ދިޔަ އިރު، ރަލުގެ އަސަރު ކޮންމެވެސް ވަރަކަށް އެ ސަރަހައްދުގައި ހުއްޓެވެ. އަދި ސަރަހައްދު ސާފުކޮށްފައި ހުރި ނަމަވެސް ބިންމަތީގައި ކޮންމެވެސް ވަރަކަށް ފުޅިތޮށި ހުއްޓެވެ.

ފުލުހުން ބުނީ، އެ އެއޮޕަރޭޝަންގައި ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"ފުލުހުން އެ ގެ ބަލާ ފާސް ކުރަމުންދަނިކޮށް، ދެ ދަޅު [ބިއަރު] އަދި އެއް ފުޅި ބަނގުރާ، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ތެޔޮ ޕީސް އަދި ފަސް ރަބަރު ޕެކެޓް ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންެވެ.

އާ އަހަރުގެ އުފާ ފާޅުލުުކުމުރުުގެ ތެރެއިން މާލެ ސިޓީ ރައްކާތެރި އަމާންތަކަށް ހެދުމަށްޓަކައި ފުލުހުން ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރެޝަންގެ ދަށުން އުޅަނދުތައްވެސް ދަނީ ބަލާ ފާސް ކުރަމުންނެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި ބުނެފައި ވަނީ އާ އަހަރުގެ އުފާފާޅު ކުރުމާ ދިމާކޮށް، ގާނޫނާ ގަވާއިދާ ހިލާފު ކަންކަން ކުރުމަށް ބައެއް މީހުން ރާވާމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ފެނުމުން ރާފުޅިތައް އުކާލި އިރު، މިދިޔަ އަހަރާ ދިމާކޮށްވެސް ފުލުހުން ހިންގޮ އޮޕަރޭޝަނެއްގައިި ފުލުހުން ފާރަލާކަން އެނގުމުން ދުއްވާފައި ދިޔަ ކާރެއްގެ ތެރެއިން ވަނީ ރާ ފުޅިިތައް އުކާލާފައެވެ.

comment ކޮމެންޓް