ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް އަރައިފި

އެމްއެމްއޭ އިމާރާތް -- ފައިލް ފޮޓޯ

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މިއީ ކުރިން ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި 2019 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރި އަދަދަކީ 635 މިލިއަން ޑޮލަރެއެވެ. އެހެންކަމުން މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 117 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ގްރޮސް ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވެ އިގްތިސާދީ ދުވެއްޔަށް ލިބުނު ކުރިއެރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ވިިހިވިހީގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް މިހާރު ލަފާކުރެވިފައި ވަނީ 863 މިލިއަން ޑޮލަރުގައެވެ. އަންނަ އަހަރުގެ ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރަތްކުރުމުގެ ސިނާއަތް ކުރިއެރުން ހިމެނެއެވެ.

އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ހުންނާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރަނީ 9.6 ޕަސެންޓުގައެވެ. މިކަމުގެ ސަބަބެއްކަމުގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވިގެންދިޔުމާއި، އަލަށް ހުޅުވޭނެކަމަށް ބެލެވޭ ރިސޯޓްތަކުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބޭނެ ކުރިއެރުމެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއެކު އިމާރާތްކުރުމުގެ ދާއިރާ 9.3 ޕަސެންޓަށް ކުރިއަރާނެކަމަށް ބެލެވޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ލަފާކުރަނީ އަންނަ އަހަރަކީ ރާއްޖޭގެ އިގްތިސާދަށް ފަހި އަހަރަކަށް ވާނެ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 712 ހުރީ މިލިޔަން ޑޮލަރެވެ.

comment ކޮމެންޓް