ތިންވަނަ ޑިވިޝަނާއި އެފްއޭ ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިންވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލްގައި ޕޮލިސް ކުލަބް އާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެތެރެއިން: މި މެޗް ނިމުނީ 1-0ން ދިވެހި ސިފައިންގެ ކްލަބު މޮޅުވެ، ސެމީން ޖާގަ ހޯދައިގެން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތާއި އެފްއޭ ކަޕުގައި ބައިވެރިވާން ބޭނުންވާ ކުލަބުތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތާއި އެފްއޭ ކަޕުގައި ބައިވެރިވާން ބޭނުންވާ ކުލަބް، ޖަމިއްޔާ އަދި ޖަމާއަތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފްއޭއެމުން ފޯމު ދޫކުރަން ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. ތިން ވަނަ ޑިވިޝަން މުބާރާތުގައި ބައިވެރިވެވޭނެ ސުންގަޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ 14:30 އެވެ. އަދި އެފްއޭ ކަޕުގެ ސުންގަޑި އަކީ 13 ވަނަ ދުވަހެވެ. މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ދިނުން އޮންނާނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކެއް ކަނޑައަޅާފައިވާ އިރު ބައިވެރިވާ ކުލަބް، ޖަމިއްޔާ އަދި ޖަމާއަތަކީ މާލޭގައި ރަޖިސްޓްރީ ވެފައިވާ ބަޔަކަށް ވާންޖެހެ އެވެ. އަދި އެ ފަރާތްކަކީ އެފްއޭއެމްގައި ވެސް ރަޖިސްޓްރީ ކުރެވިފައިވާ ބަޔަކަށް ވުން ލާޒިމް ކުރެއެވެ.

އަންނަ އަހަރުގެ މުބާރާތުގައި ގައުމީ 16 އަހަރުން ދަށުގެ ޓީމް ބައިވެރިކުރުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އޭގެ މަގުސަދަކީ ޓީމު ކުރިއަށް އޮތް މުބާރާތްތަކަށް ތައްޔާރު ކުރުމާއި ޓީމުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން ރަނގަޅު ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެފްއޭއެމް އިން މި އަހަރާއި މިދިޔަ އަހަރު ވެސް އެފްއޭ ކަޕް ބާއްވާފައެއް ނުވެ އެވެ. އަދި މިއަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތް ވެސް ވަގުތު ނެތުމުން ނުބާއްވަ އެވެ.

comment ކޮމެންޓް