އިމިގްރޭޝަނުން މިއަހަރަށް ކަނޑައެޅި ޓާގެޓުގެ 93 ޕަސެންޓު ހާސިލްވެއްޖެ

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

މިއަހަރު ހާސިލްކުރަން ބޭނުންވި ކަންތައްތަކުގެ 93 ޕަސެންޓު ހާސިލް ކުރެވިފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން މި އަހަރު ހާސިލްކޮށްފައިވާ ކާމިޔާބީތައް ހާމަކުރައްވާ ކޮންޓްރޯލަރު ވިދާޅުވީ މިއަހަރު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު އެ މުވައްސަސާ އިން އަހަރު ނިންމާލީ އިމިގްރޭޝަނުގެ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭތަކެއް ލިބުނުކަން ކަށަވަރު ކުރަމުން ކަމަށެވެ.

މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށައި އިމިގްރޭޝަނުގެ ހިދުމަތް ލިބިގަންނަ އެހެން ފަރާތްތަކަށް ލުއިކޮށްދިނުމަށް ގިނަ ކަންތައްތަކެއް ތައާރަފު ކޮށްފައެވެ.

ޖެނުއަރީ މަހު އިމިގްރޭޝަނުން ވަނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް ތައާރަފު ކޮށްފައެވެ. ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން މައުލޫމާތު އާންމުކުރުމަށް އެ މުވައްސަސާގެ ތަފާސްހިސާބުތައް އާންމުކުރަންވެސް ފެށީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މީގެ އިތުރުން ބިޒްނަސް ވިސާ އަދި އަލަށް އެމްޕްލޯއިމެންޓް ވިސާގައި ރާއްޖެ އަންނަ ބިދޭސިންނަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޮޓުން ކްލިއަރެންސް ދޭން ފެށީވެސް މިއަހަރުގެ ޖެނުއަރީ މަހުއެވެ.

މިއަހަރުގެ މާޗު މަހު އިމިގްރޭޝަނުން ވަނީ ބިޒްނަސް ވިސާ އަށް އެދި ހުށަހަޅާތާ 48 ގަޑިއިރު ތެރޭ ބިޒްނަސް ވިސާ ދޫކުރަން ފަށައިފައެވެ. އިމިގްރޭޝަނުގެ ހިދުމަތްތައް ޑީސެންޓްރަލަައިޒް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހއ. ދިއްދޫ ގައި އިމިގްރޭޝަނުގެ އޮފީހެއް ގާއިމްކޮށް ހިދުމަތްދޭން ފެށީ މިއަހަރުގެ ޖޫން މަހުއެވެ.

އޮގަސްޓުމަހުގެ ތެރޭ އިމިގްރޭޝަނުން ވަނީ ބޯޑަރު ސެކިޔުރިޓީ ވަރުގަދަ ކުރުމަށް ޑޮކިޔުމެންޓް އެގްޒެމިނޭޝަން ލެބެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމް ކޮށްފައެވެ. ވިޔަފާރި ބަނދަރުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހައަކަށް ވިޔަފާރި ބަނދަރުން ކްލިއަރެންސް ދިނުމަށް ހާއްސަ މޯބައިލް ޑިވައިސްއެއް ބޭނުން ކުރަން ފެށީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ. މީގެ އިތުރުން މޮވެމްބަރު މަހު ވަނީ އެންރޫޓް ކްލިއަރެންސް ހިދުމަތްވެސް ވިޔަފާރި ބަނދަރުގައި ދޭން ފަށައިފައެވެ.

އޮންލައިންކޮށް ވޯކް ވިސާ އަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ މަސައްކަތް ވެސް މިއަހަރުގެ ނޮވެމްބަރު މަހު ފެށިއިރު، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތް ހެދުމަށް އިމިގްރޭޝަނުން ކޯލް ސެންޓަރެއް ގާއިމް ކުރީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ.

އަހަރު ނިމެމުން ދަނިކޮށް އިމިގްރޭޝަނުން ވަނީ އެ އިދާރާގެ މަސައްކަތްތައް ލާމަރުކަޒު ކޮށް ރަށު ކައުންސިލްތަކުން ޕާސްޕޯޓުގެ ކަންތައް ކުރިއަށް ގެންދާނެ އިންތިޒާމުވެސް ހަމަޖައްސައިފައެވެ.

އިމިގްރޭޝަނުން ބުނީ އިންސާނީ ވަގުފާރި އާއި ގުޅޭ 27 މައްސަލައެއް ފާހަގަވެގެން މިއަހަރު ތެރޭ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ. ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވަން އުޅުނު ގިނަ ބަޔަކު އިމިގްރޭޝަނުން މިއަހަރު ހިފަހައްޓާފައިވާއިރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންނަށް ކަމާބެހޭ ފަރާތްތަކާގުޅިގެން ވަނީ ފިޔަވަޅު އަޅައިފައެވެ.

އިމިގްރޭޝަނުގެ މުވައްޒަފުން ތަމްރީނުކުރުމަށް މިއަހަރު މަތީ ތައުލީމުގެ 25 ފުރުސަތެއް މުވައްޒަފުންނަށް ދީފައިވާއިރު މިވައްޒަފުން ތާޒާ ކުރުމަށްވެސް ވަނީ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް