އީރާންގެ ބޯޓުން ފެނުނު މީހުންނާ އިމިގްރޭޝަނުން ހަވާލެއް ނުވި: ފުލުހުން

އީރާންގެ ބޯޓުން ފެނުނު މީހަކު ސަލަންޖަހަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް -- ފޮޓޯ: ސޯޝަލް މީޑިއާ

އީރާންގެ ބޯޓުން ފެނުނު މީހުންނާ އިމިގްރޭޝަނުން ހަވާލެއް ނުވިކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހު ތިން ވަނަ ދުވަހު އީރާންގެ ބޯޓެއްގއި ތިބި ހަތް މީހުން އެމްއެންޑީއެފްއިން ހިފެހެއްޓިއެވެ. އަދި އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަމަށް އެމްއެންޑީއެފްއިން ކުރިން ބުންޏެވެ. ނަމަަވެސް ފަހުން ފުލުހުން ބުނީ އެ ބޯޓުގައި މަސްތުވާތަކެތި ނެތް ކަމަށެވެ.

އީރާންގެ ބޯޓް ފެނުނީ އިންޖީނު ހުއްޓިގެން އދ. އަތޮޅަށް ލައްވަމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ ބޯޓުގައި ތިބި މީހުން ކޯޓުން ދޫކޮށްލައިފައިވާ ކަމަށާއި އެހެންކަމުން އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ ބޯޓުގައި ތިބި މީހުން ޑީޕޯޓްކުރުމަށް ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ މީހުން އިމިގްރޭޝަނާ ހަވާލުކުރުމަށް މިމަހުގެ 17 އިން ފެށިގެން މަސައްކަތް ކުރިކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ޖާގަ ނެތްކަމަށް ބުނެ އެ މީހުންނާ މިހާތަނަށްވެސް ހަވާލު ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އިމިގްރޭޝަނުން ހަވާލު ނުވި މީހުން މާލޭގެ ސަރަހައްދުގައި ސަލާން ޖަހާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

comment ކޮމެންޓް