ކާނިވާ ސަރަހައްދުން އާ ބަސް ރޫޓެއް އަންނަ މަހުން ފެށިގެން ފަށަން އެމްޕީއެލްއިން ނިންމައިފިއެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ގްރޭޓާ ލިންކް މާލެ ޓްރާންސްޕޯޓްގެ މެނޭޖަރު ޑިރެކްޓަރު އިބްރާހިމް މައުމޫން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ފަށާ ރޫޓް އަންނަ ޖެނުއަރީ މަހު ފެށޭ ހިސާބުގައި ފެށިގެން ދާނެ ކަަމަށެވެ.
ރޭގެ ޕްރޮގްރާމްގައި ގްރޭޓާ ލިންކް މާލެ ޓްރާންސްޕޯޓްގެ އެސިސްޓެންޓް މެނޭޖަރު ޑިރެކްޓަރު މުހައްމަދު ޝާމް ވިދާޅުވީ ކާނިވާ ސަރަހައްދުގައި އާ ރޫޓެއް ފަށަން ނިންމީ އެ ސަރަހައްދަކީ މާލެއާއި ހުޅުމާލޭގެ ގިނަ އޮފީސްތަކުގައި އުޅޭ މީހުން ޖަމާވާ ސަރަހައްދަކަށް އެތަން ވާތީ ކަމަށެވެ.
"އަޅުގަނޑުމެން ބޮޑަށް ބެލީ އެ ސަރަަހައްދުން ރޫޓެއް ފައްޓާފިއްޔާމުން ވަރަށް ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަން. އެއީ މާލޭގައި އެ ސަރަހައްދުގައި އެބައުޅޭކަންނޭނގެ ވަރަށް ބައިވަރު އޮފީސްތަކެއް. އެއްފަހަރާ އޮފީސްތައް ނިންމާލައިފައި އެތަނަށް ޖަމާވެއްޖިއްޔާ އަޅުގަނޑުމެންނަށް އެއްވެސް އުނދަގޫކަމެއް ނެތި އެމީހެއްގެ މަންޒިލަށް އެމީހަކު ވާސިލްކުރެވޭނެ އަޅުގަނޑުމެންނަށް. އެހެންވުމުގެ ސަބަބުން އެމީހުންނަށް ކަނޑު ފެރީއަށްވުރެ އެއްގަމު ފެރީ އަޅުގަނޑުމެންނަށް ހީވަނީ ހިތް ފަސޭހަވެގެންދާނެކަންނޭނގެ،" ޝާމް ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ މިހާރު މާލޭގައި ހިދުމަތް ދެމުންގެންދާ ޓާމިނަލް ރޫޓްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްއާ ހަމައަށްވެސް ރޫޓް ގެންދެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި އެކަމަށްޓަކައި ފުލުހުންނާ ވާހަކަ ދައްކައިފައިވާ ކަމަށާއި މަގުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްފަހު އެ ހިސާބާށްވެސް ރޫޓް ގެންދެވޭތޯ ބަލާނެކަމަށް މައުމޫން ވިދާޅުވިއެވެ.
އޭގެ އިތުރުން އާންމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ދިނުމުގެ ގޮތުން ކަސްޓަމަރުންގެ ޑިމާންޑް އޮންނަ ރޫޓްތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ބަހުގެ ހިދުމަތް ފަސޭހަކުރުމުގެ ގޮތުން މިހާރު އެޕެއްވެސް ތައާރަފްކޮށްފައިވާ ކަމަށާއި އަދި އެ އެޕް މެދުވެރިކޮށް ބަސްރޫޓްތަކާއި ޝެޑިއުލްތައްވެސް މިހާރު ބަލާލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަކުވާތައްވެސް ހުށެހެޅޭނެގޮތްވެސް ހަދާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.