ޑެޑްޕޫލްގެ ތިންވަނަ ބައިގެ މަސައްކަތް ފަށައިފި

ޑެޑްޕޫލްގެ ފިލްމަކުން މަންޒަރެއް --- ފޮޓޯ : ފޮކްސް ސްޓޫޑިއޯސް

މާވެލްގެ މަޝްހޫރު ފްރެންޗައިޒް ކަމަށްވާ "ޑެޑްޕޫލް"ގެ ތިންވަނަ ބައިގެ ޝޫޓިންގެ މަސައްކަތް ފަށައިފި އެވެ.

ޑިޒްނީއިން ވަނީ ޑެޑްޕޫލްގެ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ "ޓްވެންޓިއެތު ސެންޗުރީ ފޮކްސް" މިއަހަރު ގަނެފަ އެވެ. އަދި ޑެޑްޕޫލްގެ ތިންވަނަ ބައެއް ނެރޭނެ ކަމަށް މިއަހަރުގެ ކުރީކޮޅުގައި ވަނީ އިއުލާނުކޮށްފަ އެވެ.

ޑެޑްޕޫލްގެ ރޯލުން ފެނިގެންދާ ރާޔަން ރޭނަލްޑްސް ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ޑެޑްޕޫލްގެ މަސައްކަތްތައް މިހާރު ވަނީ އަމަލީގޮތުން ފަށައިފަ އެވެ.

ޑެޑްޕޫލް އަކީ މާވެލްގެ ކެރެކްޓާތަކުގެ ތެރެއިން ޑިޒްނީއިން ބޭރު ސްޓޫޑިއޯއެއްގައި ހިމެނޭ މަދު ކެރެކްޓަރުންގެ ތެރެއިން އެކަކެވެ. ނަމަވެސް އެންމެ ފަހުން ޑިޒްނީއަށް އެ ކެރެކްޓަރު ވަނުމާ އެކު ޑެޑްޕޫލްގެ ކާސްޓުން ތިބީ ވަރަށްބޮޑަށް އުފާވެފައި ކަމަށް ރާޔަން ވަނީ ބުނެފަ އެވެ.

ޑިޒްނީއަށް ޑެޑްޕޫލް ވަނުމާއެކު މާވެލްގެ އެހެން ކެރެކްޓަރުން ޑެޑްޕޫލްއާ އެކު ފެނިގެންދާނެ ކަމަށް ގިނަ ފޭނުން ގަބޫލުކުރެ އެވެ.

މިހާތަނަށް ނެރުނު ޑެޑްޕޫލްގެ ދެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އެގޮތުން ޖުމްލަ 168 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި އުފެއްދި ދެ ފިލްމަށް ވަނީ 1.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް