ކޮލަމްބޯ (ޑިސެމްބަރު 28): ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަނެއްކާވެސް އެގައުމުގެ ޕާލިމެންޓުގެ ގޮނޑިއަކަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ޕާލިމެންޓު އިންތިހާބުގައި ސިރިސޭނާ ވާދަ ކުރައްވާނީ 1989އިން 2015އަށް އޭނާ ތަމްސީލު ކުރެއްވި ޕޮލޮނަރުވަ ޑިސްޓުރިކްޓުގެ ގޮނޑިއަށެވެ. އަދި ވާދަ ކުރައްވާނީ އޭނާ އިސްކޮށް ހުންނަވާ ސްރީލަންކާގެ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އެލަޔަންސްގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ދެހާސްފަނަރަ ވަނަ އަހަރުން ފެށިގެން ލަންކާގައި ރައީސްކަން ކުރެއްވި ސިރިސޭނާ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަ އެވެ. އެއީ އެސްއެލްއެފްޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ސިރިސޭނާ ހޮވުމަށް ގިނަ މެމްބަރުންގެ ތާއިދު ނުލިބުމުންނެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސިރިސޭނާ ކުއްލި ގޮތަކަށް އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރައްވާ، ގައުމު ހަލަބޮލި ކުރެއްވުމާ ގުޅިގެންނާއި މިދިޔަ އޭޕްރިލް މަހު އެގައުމުގައި ދިން ހަމަލާތައް ނުހުއްޓުވުނީ ރައީސްގެ އިހުމާލުން ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލު ކުރާތީ، ސިރިސޭނާއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވުމުންނެވެ.
އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެސްއެލްއެފްޕީންވެސް ތާއިދު ކުރި އިދިކޮޅު ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ އެވެ. އަދި އޭނާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ ބޭބޭފުޅު މަހިންދަ އެވެ.
މަހިންދަ 2005އިން 2015އަށް ލަންކާގެ ރައީސްކަން ކުރެއްވި އިރު ސިރިސެނާ ވަނީ ހަތަރު އަހަރުވަންދެން ހެލްތު މިނިސްޓަރުކަން ކުރައްވާފަ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ބާއްވަން ޖެހޭ ލަންކާގެ ޕާލިމެންޓު އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވެ އެވެ. ނަމަވެސް ރައީސް ގޯޓާބަޔަ ވަނީ އެ އިންތިހާބު ބޭއްވެން އޮތް އެންމެ އަވަހަކަށް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާގެ ޕާލިމެންޓުގެ މެޖޯރިޓީ މިހާރު އޮތީ ކުރީގެ ބޮޑުވަޒީރު ވިކްރަމަސިންހަ އިސްކޮށް ހުންނަ ޔޫއެންޕީގެ އެލަޔަންސަށެވެ. އަދި މިމަހުގެ ތިނެއްގައި ސަސްޕެންޑުކޮށްފައިވާ ޕާލިމެންޓު ދެން ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިނެއްގަ އެވެ.