އިދިކޮޅު އޮތީ ކޮޅު ބެދިފައިވާ މަގެއްގައި: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

އިދިކޮޅު ފަރާތްތަކަށް މިއަދު ވަނީ ކޮޅު ބެދިފައިވާ މަގަކަށް ވަދެވިފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ސީއެންއެމް ޓީވީގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިދިކޮޅުގެ މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެވިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ ސަބަބުތަކާ ގުޅިގެން މިއަދު އިދިކޮޅުން ދާނެ މަގެއް ދައްކަވާނެ ބޭފުޅެއް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން އުމަރު މިއަދު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކަށް ކުރިއަށް ދެވެން ނެތް އިރު ފަހަތަށްވެސް ނިކުމެވެން ނެތް ކަމަށެވެ.

އުމަރު ވިދާޅުވީ އެކަމަކީ އެމްޑީޕީއިން އުފާކުރާނެ ކަމެއް ކަމަށެވެ. އަދި އެ ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ގެނެސްގެން ކަމަށް އުމަރު ފާހަގަކުރެއްވި އެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ހުކުމް ކުރީ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މައްޗަށް ކުރީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

ރައީސް ޔާމީން ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ބާއްވަމުން އައި މުޒާހަރާތައް ވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

comment ކޮމެންޓް