މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މީގެކުރިން މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުން މިހާރު ވެސް ކާރުތަކުގައި ޑިޕްލޮމެޓިކް ލައިސެންސް ޕްލޭޓް ބޭނުންކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިހާރު އޭގެ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ޑިޕްލޮމެޓިކް ޕާސްޕޯޓާއި ލައިސެންސް ޕްލޭޓަކީ އެމްބަސީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލިބިދޭ ހާއްސަ އިނާޔަތްތަކެކެވެ. އެމްބަސީގެ ވަޒީފާއިން ވަކިވުމަށްފަހު އެ އިނާޔަތްތައް ދެން ބޭނުމެއް ނުކުރެވޭނެ އެވެ.
މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން މިއަދު "ސަން" އަށް ވިދާޅުވީ ޑިޕްލޮމެޓިކް ބޯޑަކީ ހަމައެކަނި އެމްބަސީގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޫކުރާ ބޯޑެއް ކަމަށާއި އެމްބަސީގެ އުޅަނދުތަކާއި އެމްބަސީގެ ސްޓާފުންގެ އުޅަނދުތައް ނޫން އުޅަނދެއްގައި ޑިޕްލޮމެޓިކް ޕްލޭޓް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
އެހެންކަމުން މެލޭޝިޔާ އެމްބަސީގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުގެ އުޅަނދުތަކުގައި އަދިވެސް ޑިޕްލޮމެޓިކް ބޯޑުގައި ދުއްވުމަކީ ގަވާއިދާ ހިލާފު ކަމެކެވެ.
އެނގިފައިވާ ގޮތުގައި މިހާރުވެސް ޑިޕްލޮމެޓިކް ޕްލޭޓް ބޭނުން ކުރާ ފަރާތްތަކަށް ވަނީ، އެތަކެތި ބޭނުން ނުކުރުމަށް މިނިސްޓްރީއިން ވެސް އަންގައިފަ އެވެ.