ސްޓޭޓް މިިނިސްޓަރު އަފްޒަލްގެ މާލީ ބަޔާނުގައި އޮޅުވާލުން؟!

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް އިބްރާހިމް -- ފޮޓޯ/ ރައީސް އޮފީސް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް އިބްރާހިމްގެ މާލީ ބަޔާނުގައި ކުންފުންޏެއްގައި އޭނާގެ މަސްލަހަތު އޮތްކަން ބަޔާންކޮށްފައި ނުވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކަނީ، ފްރީނެޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ 80 ޕަސެންޓު ހިއްސާ އަފްޒަލްގެ ނަން މަތީގައި އޮންނަ ކަމާއި، އޭނާ އަކީ އެ ކުންފުނީގެ ބޯޑް ޑިރެކްޓަރެއްކަމެވެ. އަނެއް 20 ޕަސެންޓް ހިއްސާދާރަކީ އެމްއާރްއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމް އާދަމް ކަމަށް ރެކޯޑްތަކުގައިވެ އެވެ.

އެޓާނީ ޖެނެރަލް މިހާރު ނިންމަވާފައި ވަނީ އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް އެއްބަސްވުމާ އެއްގޮތަށް ހަދާފައި ނުވާތީ ބަދަލު ހޯދަން އަފްޒަލްގެ ފްރީނެޓް ކުންފުނީގެ މައްޗަށް ދައުވާ ކުރުމަށެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައީސް އޮފީހުގެ މުވައްޒަފުން ވަނީ މާލީ ބަޔާންތައް އާންމުކުރައްވައިފަ އެވެ.

ސްޓޭޓް މިނިސްޓަރު އަފްޒަލް މާލީ ބަޔާން ހާމަކުރެއްވި އިރު، އޭގައި ވަނީ ވިޔަފާރީގެ ފައިދާގެ ގޮތުގައި 228،000 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ލިބިފައިވާ ކަމަށެވެ. އަދި ހަތަރު މަސް ތެރޭގައި 120،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުގައިވެ އެވެ.

އެހެންނަމަވެސް، މާލީ ބަޔާނުގެ ވިޔަފާރީގެ މަސްލަހަތު ޖަހަން ޖެހޭ ބައިގައި އޭނާގެ ހިއްސާ އޮންނަ ފްރީނެޓް ކުންފުނީގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެެވެ. އެ ބަޔާނުގައި އޮންނަ ގޮތުން އަފްޒަލްގެ ހިއްސާއެއް އެއްވެސް ކުންފުންޏެއްގައި ނޯވެ އެވެ.

އެހެން ނަމަވެސް ޓްރޭޑް މިނިސްޓްރީގެ ރެކޯޑްތަކުން އެނގޭ ގޮތުގައި އަފްޒަލް ހިއްސާވެގެން ފްރީނެޓް ކުންފުނި އުފެއްދީ އޮގަސްޓް 7، 2014ގަ އެވެ. އަދި އޭނާ އަކީ އެ ކުންފުނި އުފެއްދިއިރުވެސް ހުރި ހިއްސާދާރެއްކަން ލިޔުންތަކުން އެނގެ އެވެ.

ނަމަވެސް އަފްޒަލްގެ މާލީ ބަޔާނުގައިވާ ގޮތުގައި، އޭނާގެ މިލްކިއްޔާތުގައި ހުރީ 38،900 ރުފިޔާގެ ހޮންޑާ ސުޕާކަބް ސައިކަލެކެވެ.

އެ ކުންފުނީގެ ހިއްސާ އޮތްކަން މާލީ ބަޔާނުގައި ހާމަ ނުކުރީ ކީއްވެތޯ "ސަން"އިން ސުވާލު ކުރުމުން އަފްޒަލް ވިދާޅުވީ، "ނޯ ކޮމެންޓް" ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް ވިދާޅުވީ، ވިޔަފާރިތަކުގެ ހިއްސާ ގެންގުޅެން ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅުންނަށް ގާނޫނީ ގޮތުން ހުރަހެއް ނޯންނަ ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ހިއްސާއެއް އޮންނަ ނަމަ މާލީ ބަޔާންތަކުގައި އެ މައުލޫމާތު ހާމަ ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު، ހާމަނުކޮށްގެން ފިޔަވަޅެއް އެޅޭނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްރީނެޓަށް ކޭސް މެނޭޖްމަންޓް ސޮފްޓްވެއާއެއް ހަދަން 2017 ވަނަ އަހަރު ހަވާލު ކުރި މަސައްކަތް ނުނިމިގެން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައި ވަނީ 831،000 ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

ފްރީނެޓް ކުންފުންޏާ ދެކޮޅަށް ދައުލަތުން ދައުވާ ކުރުމާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް އަފްޒަލް "ސަން" އަށް ވިދާޅުވި އެވެ.

comment ކޮމެންޓް