ހުއްދަ ބާތިލު ކުރި އިލްމުވެރިޔާ އެހެން ދީނީ އިލްމުވެރިނަށް ހަރުކަށި ފިކުރުގެ ތުހުމަތުތަކެއް ކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގައި ހުއްދަ ބާތިލް ކުރިމުހައްމަދު ހަސަން ވާހަކަ ދައްކަވަނީ: އޭނާ ވަނީ އެހެން އިލްމުވެރިންނަށް ތުހުމަތުތަކެއް ކޮށްފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރާއްޖޭގައި ހައްދުފަހަނައެޅި ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ހުއްދަ ބާތިލު ކުރި މަކްތަބާ ސަލަފީ ޖަމާއަތަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ، މުހައްމަދު ހަސަން އެހެން ދީނީ އިލްމުވެރިންނަށް ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތު ކޮށްފިއެވެ.

ރައްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައެޅުމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ، މުހައްމަދު ހަސަން އާއެކު ތިން ދީނީ އިލްމުވެރިއެއްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލް ކުރީ މިިދިޔަ ބުދަ ދުވަހުއެވެ.

ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މުހައްމަދު ހަސަން ވިދާޅުވީ، އޭނާއާއި އޭނާ ނިސްވަތްވާ މަކްތަބް ސަލަފީ ޖަމާއަތަކީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ކަމަށެެވެ. އަދި އެ ފިކުރަށް ހިތް ވަރު ލިބޭ ގޮތަށް ވާހަކަ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަލާކު ކުރަނިވި ފިކުރު، ހައްދުފަހަނައެޅި ފިކުރު، މި ހަރުކަށި ފިކުރަށް އަހަރުމެންނަކީ މުޅިން ދެކޮޅު، އަދި އުންމަތުގެ އިލްވެރިންގެ ބަސްތައް ރާއްޖޭގެ އަހުލުވެރިންނަށް ކެނޑިނޭޅި އަބަދާ އަބަދު ފޯރުކޮށްދިނުމުގައި ދަތުރުކޮށް މަސައްކަތް ކުރަމުންދާ ބައެއް،" މުހައްމަދު ހަސަން ވިދާޅުވިއެވެ.

މުހައްމަދު ހަސަން ވާހަކަ ދައްވަނީ: އޭނާ ވިދާޅުވީ، ހަރުަކަށި ފިކުރަށް ތާއީދު ނުކުރާ ކަމަށް ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ، އެހެން ބައެއް ދީނީ އިލްމުވެރިން ޝޯޝަލް މީޑިއާގައި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ކޮށްފައިވާ ޕޯސްޓްތަކާއި ލިޔުންތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފަ އެވެ. އެ ޕްރެޒެންޓޭޝަންގައި ހުރި ގިނަ އިލްމުވެރިންނަކީ، ޖަމިއްޔަތުއް ސަލަފަށް ނިސްބަތްވާ އިލްމުވެރިންނެވެ. އެގޮތުން ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފު، އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހިމް، ޝެއިހް އާދަމް ނިޝާން އަލީ، އަދި އަބްދުﷲ ޖުނާބުގެ ޕޯސްޓްތަކެއް އެ ޕްރެޒެންޓޭޝަންގައި ހިމެނެއެވެ. އަދި އެ ޕޯސްޓްތަކުގެ ލިންކްވެސް ވަނީ ހިމަނާފައެވެ.

ދިި އިސްލާމްސައިޓު، ފޭސްބުކް އަދި ޓްވިޓާގައި އާންމުކޮށްފައިވާ އެ ޕޯސްޓުތަކުގައި ވަނީ ބޭރުގައި ހިނގާ ދާހިލީ ހަނގުރާމައަކީ ޖިހާދެއް ކަމަށާއި އެކަންކަމަށް ހިތްވަރުދެ ގޮތަށް ލިޔެފައެވެ. އަދި ބައެއް ޓެރަރިސްޓުނަށް ތާއީދުކޮށްފައިވާ ލިޔުންތަކެއް ވެސް އޭގައި ހިމެނެއެވެ.

މުހައްމަދު ހަސަން ވިދާޅުވީ، އެ ޕޯސްޓުތަކުން އެނގެނީ އެމީހުންނަކީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކޮށް، އެ ފިކުރަށް ތާއީދު ކުރާ މީހުން ކަމަށެވެ.

"މީޑިއާގެ އަހުލުވެރިންނޭ! މިއީ ހަރުކަށި ފިކުރު ނުވަތަ ހަރުކަށި ފިކުރަށް ތާއީދު ކުރުން ނޫން ކަމުގައި ވާނަމަ، ކޮބާތޯ ހަރުކަށި ފިކުރަކީ؟ 2009 ވަނަ އަހަރުން ފެށިގެން އަޅުގަނޑާއި އަޅުގަނޑާއެކު މި މަޖިލީލީހުގައި ބައިވެރިވާ އެންމެހާ އަހުން ވަނީ އެ ފިކުރުތަކާ ދެކޮޅަށް ބަސްތައް ބުނެފައި،" މަކްތަބާ ސަލަފީ އަށް ނިސްބަތްވާ ގިނަ އިލްމުވެރިންނަށް ބައިވެރިވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހަސަން ވިދާޅުވި އެވެ.

މުހައްމަދު ހަސަން ވަނީ އެހެން ބައެއް އިލްމުވެރިންގެ ހަރުކަށި ފިކުރަށް ހިތްވަރުދޭ ގޮތަށް ކޮށްފައި ހުރި ޕޯސްޓްތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ދައްފައި --- ސަން ފޮޓޯ

މުހައްމަދު ހަސަން ވިދާޅުވީ، ރަސޫލާއަށް ފުރައްސާރަކޮށްގެން އަމިއްލައަށް މީހުންގެ މައްޗަށް މެރުމަށް ހުކުމްކޮށް، ޖާނުން ފިދާވުމުގެ ހަމަލާދީ އަދި ބޭރުގައި ހިނގާ ހަނގުރާމަތަކަށް ޖިހާދު ކުރުމަށް ކަމަށް ބުނެ ދިއުމަކީ ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. އެއީ "ޑޮޓް ފިކުރު" ތާއީދު ކުރާ ކަމެއް ކަމަށެވެ. އަދި އެއީ އިސްލާމް ދީނުގައި އެކަން އޮންނަ ގޮތް ނޫން ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ދުނިޔޭގައި ތިއްބެވި އިތުބާރު ހިފޭ މުތަބަރު އިލްމުވެރިން ވަނީ ސީރިއާގައި ހިނގަމުންދާ ހަނގުރާމަތަކީ ޖިހާދެއް ނޫން ކަމަށާއި އެއީ ފަސާދައެއްކަން ހާމަ ކުރައްވާފައެވެ. އަދި އޭގެ ލިޔުންތައް މަކްތަބާ ސަލަފި ސައިޓުގައި ވެސް ޝާއިއުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރުމެންގެ އަގީދާއަކީ، މުސްލިމް ގައުމެއްގައި ހުރި އެއްވެސް ފަރުދަކަށް ގައުމުން ބޭރުގައި ހިނގާ މިފަދަ އެއްވެސް ހަނގުރާމަތަކަށް ނުދެވޭނެ. އަދި މުސްލިމް ގައުމެއްގައި ހިނގާ ހަނގުރާމައަކީ ޝަރުއީ ޖިހާދެއް ނަމަ، މުސްލިމް ވެރިޔާގެ ހުއްދަ ހޯދައިގެން މެނުވީ ނުދެވޭނެ،" ހުއްދަ ބާތިލްކޮށްފައިވާ ދީނީ އިލްމުވެރިޔާ މުހައްމަދު ހަސަން ވިދާޅުވި އެވެ.

މުހައްމަދު ހަސަން ވާހަކަ ދައްވަނީ: އޭނާ ވިދާޅުވީ، ހަރުަކަށި ފިކުރަށް ތާއީދު ނުކުރާ ކަމަށް ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މުހައްމަދު ހަސަން ވިދާޅުވީ، އެހެން ކަމުން ރާއްޖޭގެ ރައީސަކު ހުއްދަ ނުދެނީސް އެފަދަ ހަނގުރާމަތަކަށް ނުދެވޭނެ ކަމަށެވެ. އަދި ޝަރުއީ ޖިހާދެއް ނަމަވެސް އަމިއްލަ އަށް އެތަންތަނަށް ނުދެވޭނެ ކަމަށެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ އިރު، ފުލުހުން މިހާރު އެ ފިކުރާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ މީޙުން ވެކްސިން އާ ދެކޮޅު ހަދައި ދަރިން ސުކޫލަށް ނުފޮނުވައި އަދި ޅަ ކުދިންނާ ކޯޓުން ބޭރުން ކައިވެނި ކުރަމުންދާ ކަމަށެވެ.

އެކަންކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ސުވާލު ކުރުމުން އެ ކަމަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. މުހައްމަދު ހަސަން ވިދާޅުވީ، އޭނާގެ ދަރިން ގަޔަށް ވެކްސިން ޖަހާ ކަމަށާއި އަދި ސްކޫލަށް ވެސް ފޮނުވާ ކަމަށެވެ.

comment ކޮމެންޓް