އުމުރާއަށް ދިޔަ މީހެއް ހާލުބޮޑުވުމުން ރާއްޖެ ގެނައުމަށް ސަރުކާރުން އެހީވަނީ

ހައްވާ އަލީ ---

އުމުރާގެ އަޅުކަމުގައި އުޅުނު އަންހެނެއްގެ ހާލު ސީރިއަސްވެ އޭނާ މާލެ ގެނައުމަށް އާއިލާއިން ބޭނުންވާތީ. އެކަމަށް ސަރުކާރުން އެހީވާން ފަށައިފި އެވެ.

ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ގޮސްހުރި ތ. ގުރައިދޫ، ކީރަންމާގެ ހައްވާ އަލީ 79، ގެ ހާލަތާ ގުޅޭގޮތުން އެ ގްރޫޕުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ހައްވާ އަލީ އަށް އަނިޔާވީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ދެވަނަ އުމްރާގެ ސައުޔު ކުރުން ފުރިހަމަކޮށް ހޮޓަލަށް ދިޔުމަށް ހިނގައިގަތް ވަގުުތު ސޮފާ މަރުވާ ތެރެއަށް ވެއްޓިގެން ކަމަށެވެ.

އެ ޖަމާއަތުން ބުނީ ހައްވާ އަލީ ސޮފާ މަރުވާ އާއި ދެމެދަށް ވެއްޓުމާއެކު އެ ޖަމާއަތުގެ ޑޮކްޓަރާއި ނަރުހުން އަދި ޖަމާއަތުގެ އިމާމުންގެ ހަވާލުގައި މައްކާގެ ނޫރު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ޑޮކްޓަރާ ހަވާލާދީ އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ ހައްވާ އަލީގެ ފައިގެ އުކުޅުވަޅުގެ ކަށިގަނޑުގައި ރެނދެއްލާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ރާއްޖެއިން ސައުދީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހައްވާ އަލީ އާއި އާއިލާ އާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ހައްވާ އަލީ ރާއްޖެ ގެނައުގެ އިންތިޒާމުގައި އެމްބަސީ އިން އެހީތެރިވަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހައްވާ އަލީގެ ފައިގައި ރެނދުލާފައިވާ ތަނުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި ނަމަވެސް އޭނާ އާއެކު މައްކާގައި ތިބި އާއިލާގެ މީހުން ބޭނުންވަނީ މައްކާއިން އޮޕަރޭޝަން ނުކޮށް ހައްވާ އަލީ މާލެ ގެނައުމަށް ކަމަށް ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޑޮކްޓަރުގެ ލަފާގެމަތިން އާއިލާގެ އެދުމާ އެއްގޮތަށް ހައްވާ އަލީ މާލެ ގެނައުމުގެ މަސައްކަތް ޖަމާއަތުންވެސް ކުރަމުންދާ ކަމަށާއި އެކަމަށްޓަކާ ބޭނުންވާ ސީޓު ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޔަލަމްލަމް ގްރޫޕުން ބުނެފައިވެއެވެ. އެގްރޫޕުން ބުނީ ހައްވާ އަލީ މާލެ ގެނެވޭނީ ސްޓެރެޗާ ކޭހެއްގެ ގޮތުގައި ކަމަށާއި އެކަމަށް ބޭނުންވާ ލިޔުންތައް ހޮސްޕިޓަލުން ލިބިފައިވާ ކަމަށެވެ.

މި ލިޔުންތައް މިހާރު އެއާލައިނާވެސް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ޖަމާއަތުގެ ހަވާލުގައި ސައުދީއަށް ގޮސްތިބި އުމްރާވެރިން އެނބުރި މާލެ އަންނަ ދުވަސް ކަމަށްވާ މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށްވެސް ސްޓްރެޗާ ކޭހެއްގެ ގޮތުގައި ހައްވާ އަލީ މާލެ ގެންނަން ޖާގަ ލިބެނޭކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ގްރޫޕުން ބުނީ ކަމާ ގުޅޭ މުވައްސަސާތަކާ ގުޅިގެން ހައްވާ އަލީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން އެއާލައިނަކުންވެސް ޖާގަ ހޯދައިގެން ސްޓްރެޗާ ކޭހެއްގެ ގޮތުގައި ހައްވާ އަލީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ބޮޑު ހަރަދެއް ހިނގާ، ގިނަ ޝީޓު ތަކެއް ބޭނުންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އާއިލާގެ ފަރާތުން ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހައްވާ އަލީގެ ހުރިހާ ކުދިންވެސް މިވަގުތު ތިބީ މައްކާގައި ކަމަށާއި އެހެންކަމުން އޭނާ މާލެ ގެނައުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ދަތުތައް އެބަހުރި ކަމަށެވެ.

ހައްވާ އަލީ މާލެ ގެނައުމަށް ސައުދީ އެއާލައިނުން މީގެ ކުރިން ބުނެފައިވަނީ ތިން ސީޓު ބޭނުންވާނެ ކަމަށް ކަމަށާއި ނަމަވެސް މިހާރު ހަ ސީޓު ބޭނުންވާކަމަށް އެ އެއާލައިނުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނެފައިވެއެވެ. އާއިލާ އިން ވަނީ ހައްވާ އަލީ މާލެ ގެނައުމަށް ބޭނުންވާ ސީޓު ހޯދުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް އާންމުންގެ އެހީއަށް އެދެފައެވެ.

comment ކޮމެންޓް