ފޮނަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ލ. ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ފޮނަދޫގެ ތަރައްގީއަށް އެ ރަށުގެ ރައްޔިތުންގެ ބޭނުންވާ ކަންތައްތަކާއި އެ ރަށުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ މައުލޫމާތު ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރައްވައިފި އެވެ.

ރައީސް ސޯލިހު ލ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫ ކައުންސިލްގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެއް ކަމަކީ އެ ރަށުގެ އަލަށް އާބާދުވާ ސަރަހައްދުގައި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ހޯދުމުގައި ހުރި އުނދަގޫތަކެވެ.

އެ ބައްދަލުވުމުގައި ފޮނަދޫ މަގުބައްތި ނެތުމުން ދިމާވާ ދަތިތަކާއި އެކަށީގެންވާ ގޮތުގައި ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކުގެ އިތުރުން ރަށުގައި ކުނި މެނޭޖް ކުރުމަށް ދިމާވާ ދަތިތައް ވެސް ރައީސްއާ ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިން ވަނީ ސްކޫލް ކުދިންނަށް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމާ ބެހޭ ގޮތުންނާއި ތައުލީމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމާއި ކުޅިވަރު ތަރައްގީ ކުރުމާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެ އެވެ.

ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންގެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު، އެ ރަށުގެ ތަރައްގީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެއްވުމަށްޓަކައި އެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި އެވެ.

ހައްދުންމަތީގެ ބައެއް ރަށްތަކަށް ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު އެމަނިކުފާނު ވަނީ މާލެއަށް އެނބުރި ވަޑައިގަންނަވާފަ އެވެ.

ރައީސް ޞާލިހު ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް ވަޑައިގަތުން-- ފޮޓޯ/ ރައީސް އޮފީސް

އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ފޮނަދޫގެ އިތުރުން އެ އަތޮޅު ގަމަށާއި ހިތަދޫއަށް ވެސް ޒިޔާރަތް ކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ރައީސް ބޭއްވެވި އެވެ.

ލ. ހިތަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށު ސިއްހީ މަރުކަޒުގައި ހިދުމަތް ދޭން ފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ރައީސް ސޯލިހު ވާހަކަފުޅު ދައްކަވާފައިވެ އެވެ.

މީގެ އިތުރުން ރައީސް ލ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅު މަސްވެރިންނާ ބައްދަލު ކުރައްވައި، މަސްވެރިންގެ ކަންބޮޑުވުންތައް ވެސް ވަނީ އައްސަވާފަ އެވެ.

ރައީސް ޞާލިހު ލ. އަތޮޅުގެ މަސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

comment ކޮމެންޓް