ލ. ހިތަދޫ ސިއްހި މަރުކަޒުގެ ހިދުމަތަށް 50 އަހަރު ފުރުން މިއަދު އެރަށުގައި ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.
އެ މުނާސަބަތު ފާހަގުކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި ދަޢުލަތުގެ ވަޒީރުންނާއި ހައްދުންމަތީ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ. އެ ރަސްމިއްޔާތުގައި ހިތަދޫ ސިއްހީ މަރުކަޒުގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައިވެއެވެ.
ހިތަދޫގައި ސިއްހި ހިދުމަތް ފަށާފައިވަނީ 1969 ޑިސެންބަރ 1 ވަނަ ދުވަހު ހެލްތް ސެންޓަރެއްގެ ގޮތުގައި އެންމެ ހެލްތް އެސިސްޓެންޓަކާއެކުއެވެ. ހެލްތް ސެންޓަރަށް ފުރަތަމަ ޑޮކްޓަރެއްގެ ހިދުމަތް ލިބެން ފެށުނީ 9 ޖޫން 1997 ގައެވެ. ހިތަދޫ ސިއްހީ މަރުކަޒަކީ، މިހާރު 29 މުވައްޒަފުންނާއެކު 24 ގަޑިއިރަށް ހިދުމަތް ދެމުން ގެންދާ ލެވެލް 3 ގެ ސިއްހީ މަރުކަޒެކެވެ.
ހިތަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތާއި ބަލިމީހުން ބަލާ ފަރުވާދިނުމާއި އެޑްމިޓް ކުރާނެ ވާޑަކާއި ވިއްސާ ކޮޓަރިއެއް ހުރެއެވެ. އަދި ޕަބްލިކް ހެލްތު ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ އިތުރުން މިހާރު މޯބައިލް ލެބޯޓަރީގެ ދަށުން މާމެންދޫ، ކުނަހަންދޫގެ ހެލްތް ސެންޓަރުތަކުން ބްލަޑް ސާމްޕަލް ފޮނުވުމުން ޓެސްޓު ހެދުމަށްފަހު އޭގެ ނަތީޖާ ހިތަދޫ ހެލްތު ސެންޓަރުން އެ މަރުކަޒުތަކަށް ފޯރުކޮށްދެއެވެ.
އޭގެއިތުރުން އެ ސިއްހީ މަރުކަޒުގައި ކުޑަކުދިންނަށާއި މާބަނޑުމީހުނަށް ވެކްސިންދިނުމުގެ ހިދުމަތް ކުރިއަށްގެންދެވެއެވެ.