ރައީސް ނަޝީދުގެ ދަތުރުފުޅެއްގެ މައްސަލަ އޭސީސީ އަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިދިޔަ އޮކްޓޯބަރު މަހު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެ ކޮމިޝަނުން ބުނީ މަޖިލީހުގެ ރައީސް އެކްޓިވިސްޓުންނާ ބައްދަލު ކުރަން ކުރި ދަތުރެއް މަޖިލީހުގެ ހަރަދުގައި މަޖިލީހުގެ ރަސްމީ ދަތުރެއްގެ ގޮތުގައި ކުރި މައްސަލަ އެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީ އިން ހާމައެއް ނުކުރެ އެވެ.

ދެކުނު އަތޮޅުތަކުގެ ކައުންސިލަރުންނަށް ހާއްސަ މަހާސިންތާއެއް އެމްޑީޕީ އިން ވަނީ އޮކްޓޯބަރު މަހު ބާއްވައިފަ އެވެ. ގއ. ވިލިނގިލީގައި ބޭއްވި މި މަހާސިންތާގައި ލ، ގއ، ގދ އަތޮޅުގެ އިތުރުން ފުވައްމުލަކު އަދި އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިވި އެވެ.

comment ކޮމެންޓް