ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ދަރުސް ނުދޭން އިލްތިމާސްކޮށްފި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު--ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ދީނީ އިލްމުވެރިން ދަރުސްތައް ދިނުމުގައި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް އެކަން ނުކުރުމަށާއި އޭގެ ބަދަލުގައި ހަރުކަށިފިކުރާ ދެކޮޅަށް ތެދުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އިލްމުވެރިންނަށް އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދީނީ ނަސޭހަތް ދިނުމާއި ޝިއާރު ފާޅުކުރުމުގައި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކަށް ރިއާޔަތްކުރުމަށެވެ. އަދި މުޖުތަމައުގެ އާންމު މަސްލަހަތަށް އިސްކަން ދިނުމަށާއި ދީނީ ގޮތުން ބައިބައިވުމާއި ނުތަނަވަސްކަން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަން ހިންގުމުން އެއްކިބާވުމަށްވެސް ވަނީ ގޮވާލައިފަ އެވެ.

އޭގެ އިތުރުން ޓެރެރިޒަމަށް ވާގިވެރިވެ، ޓެރެރިޒަމްގެ އަމަލު ހިންގުމާއި އެނޫންވެސް އެފަދަ ޖިނާއީ ކުށުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަމުން އެއްކިބާވެތިބުމަށް ދިވެހި ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ދީނީ އިލްމުވެރިންނަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

"މުޖުތަމައުގެ އާންމު މަސްލަހަތަށްޓަކައި ހެދިފައި ހުންނަ ގާނޫނުތައް ބަލައިނުގަތުމާއި، ޖަމާއަތުން ވަކިވެ އެކަހެރިވެގަތުމާއި، އާންމު އަސާސީ ތައުލީމާއި ސިއްހީ ވަސީލަތްތަކުން ޅަދަރީން މަހުރޫމުކުރުމާއި، ޝަރުޢީ އަދި ގާނޫނީ ހަމަތަކާއި ހިލާފަށް ކައިވެނީގެ ނަމުގައި ގުޅުން ގާއިމުކުރުމާއި އަދި މުސްލިމުން ކާފަރުކުރުމާއި އަނެކުންގެ މުދަލާއި ލޭ ހަލާލު ކޮށްގަތުން ފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރަކީ އިސްލާމް ދީނުގެ ނަމުގައި އެއްވެސް ހާލަތެއްގައި ފަތުރައިގެންވާނެ ފިކުރުތަކެއް ނޫނެވެ." މިނިސްޓްރީގެ ބަނާނުގައިވެ އެެވެ.

އިސްލާމް ދީނުގެ ނަމުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ސަބަބުން ހަރުކަށިކަމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކަށް މަގުފަހިވެ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ދީނުގެ ސުލްހަވެރި ތަސައްވަރު ކިލަނބުވެ، އިސްލާމް ދީނާމެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދި އިސްލާމް ދީނުގެ ހަގީގީ މަފްހޫމް އޮޅިގެން ދިއުމަށް އެއްވެސް ދިވެހި ރައްޔިތަކު ފުރުސަތު ދީގެން ނުވާނެކަމަށެވެ.

"އަދި އެފަދަ އަމަލުތަކާއި ހަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވުމަށާއި، ފަރުދީ ފެންވަރުގައި ތިމާގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި އެކުވެރިން އެފަދަ ނުރަގަޅު ފިކުރުތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށްވެސް މި ފުރުސަތުގައި ގޮވާލަމެވެ." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދީނުގެ ސައްހަ އަގީދާ އޮޅުން ފިލުވުމުގައި އިންޓަނެޓާއި އެނޫންވެސް އެފަދަ ހަގީގަތް ނޭގޭ ވަސީލަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި އިތުބާރު ހިފޭ ދީނީ އިލްމުވެރިންގެ ކިބައިން އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

"ހަމައެހެންމެ ހަރުކަށި ފިކުރާދެކޮޅަށް ތެދުވެވަޑާއިގެން އިސްލާމްދީނުގެ ސައްހަ މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވުމަށް ދިވެހިރާއްޖޭގެ އެންމެހާ ދީނީ އިލްމުވެރިންނަށް ގޮވާލަމެވެ،" މިނިސްޓްރީން ބުންޏެވެ.

ހަރުކަށި ފިކުރާދެކޮޅަށް ތެދުވުމަށް ގޮވާލިއިރު ހައްދު ފަހަނައަޅެމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުން އިސްލާމިކް މިނިސްޓްރީއިން ތިން އިލްމުވެރިއެއްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ވަނީ ހިފަހައްޓައިފި އެވެ.

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ވަނީ އޮޕަރޭޝަނެއްވެސް ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް