ޓްވީޓަކާ ގުޅިގެން ޖަލުތަކުގެ ވެރިޔާ ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި

ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް: އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެން މިއަދު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ފައިސަލް އާދަމް 'ސަން' އަށް ވިދާޅުވީ، ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކްރިމިނަލް ކޯޓަށް މިއަދު މެންދުރު އެކެއް ޖެހިއިރު ހާޒިރުވެފައިވާ ކަމަށެވެ.

މުނާޒް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ މައްސަލައެއް ގައި ނޫން ކަމަށާއި އެއީ މައުލޫމާތު ސާފު ކުރުމުގެ ސެޝަނެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މުނާޒު ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައި ވަނީ އިއްޔެ އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ގެންދިޔުމަށް ފަހު ގެނައި ގައިދީއަކު، އޭނާގެ ފުރަގަސްފަރާތަށް މަސްތުވާތަކެތި ޖަހައިގެން، ޖަލަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހު ކަމަށް ވެސް މުނާޒު ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ކުށްވެރިއަކީ ކޮން ކޯޓަކަށް ހާޒިރުކުރެވުނު ކުށްވެރިއެއް ކަމެއް މުނާޒު ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތެކެތި ޖަލަަށް އެތެރެ ކުރަން އޭނާ މަސައްކަތް ކުރީ ފުރަގަަސްފަރާތަށް ލާ ފޮރުވައިގެން އެވެ. އަދި އެތަކެތި ފެނުނީ، ޝަރީއަތުގެ އަޑުއެހުމަށް ފަހު އޭނާ އަނބުރާ ޖަލަށް ގެނެސް، ގާޑުން އޭނާ ފާސްކުރުމުގެ ތެރޭގަ އެވެ.

ޝަރީއަތްތަކަށް ގައިދީން އެއްތަނުން އަނެއްތަނަށް ގެންދާއިރު، އަބަދުވެސް އޮފިސަރުން ހަރަކާތްތެރިވެ އެވެ. ނަމަވެސް ގައިދީއަށް މަސްތުވާތަކެތި ލިބުނީ ކިހިނެތް ކަމަށް ނޭންގެ އެވެ. އޭނާ ޖަލަށް އެތެރެ ކުރަން އުޅުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް